ޚަބަރު

މާލީ ރިޕޯޓް ޙިއްޞާ ކުރެއްވުމަށް ހަނދުމަފުޅުކޮށްދެއްވައިފި


ދައުލަތުގެ މާލިއްޔަތު ޤާނޫނުގައި ބަޔާންކޮށްފައިވާ މާލީ ބަޔާންތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުއްވުމަށް ދައުލަތުގެ މަސްއޫލު އޮފީސްތަކަށް އޮޑިޓަރ ޖެނެރަލް ހަނދުމަފުޅުކޮށް ދެއްވައިފިއެވެ.

ދައުލަތުގެ މަސްޢޫލު އޮފީސްތަކުގެ ޒިންމާދާރުވެރިންނަށް އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔާތު ސޮއިކުރައްވާ ފޮނުއްވައިފައިވާ ސިޓީފުޅުގައި ވޭތުވެދިޔައަހަރު ދައުލަތުގެ ބައެއް އޮފީސްތަކުން މާލީ ބަޔާން އޮޑިޓަރ ޖެނެރަލްއާ ޙިއްޞާކުރެއްވިއިރު އަހަރުތެރޭގައި ކަންތައްތައް ހިންގެވި ގޮތުގެ ރިޕޯޓް ފޮނުއްވާފައި ނުވާކަން ފާހަގަކުރައްވައި، އެރިޕޯޓް މާލީ ރިޕޯޓާއެކު ހުށައެޅުއްވުމަށް އެދިވަޑައިގެންނެވިއެވެ.

މާލިއްޔަތު ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ދައުލަތުގެ އޮފީސްތަކުގެ މާލީ ރިޕޯޓް ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވަންޖެހެއެވެ. ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މެނޭޖަރ، ޓެކްނިކަލް މުޙައްމަދު ނަސީމް ވިދާޅުވީ ވޭތުވެދިޔައަހަރު ދައުލަތުގެ ހުރިހާ މަސްޢޫލު އޮފީސްތަކުން މާލީ ލިޔެކިއުންތައް އޮޑިޓަރ ޖެނެރަލާ ހިއްސާކުރައްވައިފައިވާކަމަށެވެ.

އޮޑިޓް ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ދައުލަތުގެ އޮފީސްތަކުން ހުށައަޅަންޖެހޭ މާލީ ރިޕޯޓް މާލީ އަހަރު ނިމޭތާ 3 މަސްދުވަސްތެރޭގައި ހުށަނާޅާ އޮފީސްތަކަށް އިތުރު 14 ދުވަހުގެ މުހުލަތެއް ދެއްވުމަށްފަހު މާލީ ރިޕޯޓް ހުށަނާޅާ އޮފީސްތަކާ ގުޅޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހާ އޮޑިޓަރ ޖެނެރަލް ހިއްސާކުރައްވަންޖެހެއެވެ. 

މާލީ ރިޕޯޓްތައް އޮޑިޓަރ ޖެނެރަލްއަށް ލިބޭތާ 3 މަސްދުވަސްތެރޭގައި އެރިޕޯޓްތައް އޮޑިޓަރ ޖެނެރަލް އޮޑިޓްކުރެއްވުމަށްފަހު، ވަކިވަކި އޮފީސްތަކުގެ ހިސާބުތަކުން ފާހަގަކުރެވުނު ކަންކަމާއި، ރަނގަޅުކުރުމަށް ފެނިވަޑައިގަންނަވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ރައްޔިތުންގެ މަޖިލީހާ ޙިއްސާ ކުރައްވަންޖެހެއެވެ.