ޚަބަރު

ލ.މުންޑޫ އިންޖީނުގެއާ ފެނަކައިން ހަވާލުވެއްޖެ




ލ.މުންޑޫ ރައްޔިތުންނަށް ލިބޭ ކަރަންޓްގެ ޚިދުމަތް އިތުރަށް ރަނގަޅުކޮށް، ކަރަންޓްގެ ޔަޤީންކަން ހޯދުމަށްޓަކައި އެރަށު ރައްޔިތުންގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ މިއަދު ޙަވާލުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ލ.މުންޑޫ ރައްޔިތުންގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. ލ.މުންޑުއަކީ 380 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.  އެރަށުގެ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ދެމުން އައީ ރައްޔިތުންގެ އިންޖީނުގެއަކުންނެވެ.  މި ޚިދުމަތް ދެމުން އަންނަނީ 2 ޖަނަރޭޓަރ ބޭނުންކޮށްގެން. އެއީ، ނުވަދިހަ ކިލޯވޯޓްގެ ޖަނަރޭޓަރަކާއި 40 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބޭނުންކޮށްގެންނެވެ. މީގެ އިތުރަށް 26 ކިލޯވޮޓްގެ ޖަނަރޭޓަރެއްވެސް އެރަށު އިންޖީނުގޭގައި ހުރެއެވެ. އެހެންނަމަވެސް އެޖަނަރޭޓަރަކީ މިހާރު ބޭނުންކުރާ ޖަނަރޭޓަރެއް ނޫނެނެވެ.

މުންޑޫގެ ރައްޔިތުންނަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 11012 ކިލޯ ވޮޓްގެ ކަރަންޓު ބޭނުންކުރެއެވެ.



ރާއްޖޭގެ ރައްޔިތުންނަށް ސައުވީސް ގަޑިއިރު ކަރަންޓު ޔަޤީން ކޮށްދެއްވުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ރަށްރަށުގައި ދެވޭ ކަރަންޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ފުޅާކުރައްވަމުންނެވެ. މިކަން ކުރައްވަނީ ސްޓެލްކޯއާއި ފެނަކަ ކޯޕަރޭޝަނާ ޙަވާލުކުރައްވައިގެންނެވެ. މިހާރު ހަމައެކަނި ފެނަކަ ކޯޕަރޭޝަނުންވެސް ރާއްޖޭގެ 148 ރަށެއްގައި ކަރަންޓުގެ ޚިދުމަތް ދެމުން ގެންދެއެވެ. ސަރުކާރުން ކަރަންޓްގެ ޚިދުމަތް ފުޅާކުރެއްވުމުގެ މަސައްކަތުގައި ބައިވެރިވެ، ރަށްރަށުގެ ރައްޔިތުންގެ އިންޖީނުގެތަކާއި އަމިއްލަ ފަރާތަތްތަކުގެ އިންޖީނުގެތައް ފެނަކައާ ޙަވާލުކުރަމުން ގެންދެއެވެ.



ސަރުކާރުގެ ކުންފުނި ފެނަކައާ ލ. މުންޑޫ ރައްޔިތުންގެ އިންޖީނުގެއާ މިއަދު ޙަވާލުކުރީވެސް އެރަށުގެ ރައްޔިތުންނަށް ދެވޭ ކަރަންޓްގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް، ސައުވީސްގަޑިއިރުގެ ކަރަނަޓްގެ ޚިދުމަތް ޔަޤީންކުރުމަށެވެ.



އިންޖީނުގެ ފެނަކަޔާ ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވީ، މުންޑޫ އިންޖީނުގެ ފެނަކަޔާ ޙަވާލުކުރަން އެރަށު ރައްޔިތުން ނިންމުމަކީ ފެނަކައިން ދޭ ޚިދުމަތް ރައްޔިތުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށެވެ.. ނިމާލް ވިދާޅުވީ، މުންޑުއަކީ އާބާދީގެ ގޮތުން ކުޑަރަށެއް ކަމުގައިވީނަމަވެސް، ފެނަކައިން ދެއްވާ ޚިދުމަތަކަށް އެއްވެސް ބަދަލެއް ނާންނެ ކަމަށާއި ކަރަންޓަށް އަގު ނެގުމަށް ހަމަޖެހިފައިވަނީ އެސަރަޙައްދަށް ކަނޑައަޅުއްވާފައިވާ ޓެރިފް ރޭޓުން ކަމަށެވެ.



ނިމާލް ވިދާޅުވީ، މުންޑޫ އިންޖީނުގެއާ ފެނަކައިން ހަވާލުވުމުން، އެތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށާއިި މުވައްޒަފުން ހޯދުމުގައި މުންޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ދިނުމަށް އިސްކަންދޭނެ ކަމަށެވެ.



މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުންޑޫ ކައުންސިލް މެންބަރު އާދަމް ޢާސިފް ވިދާޅުވީ، އެރަށު އިންޖީނުގެއަކީ މުންޑޫ ރައްޔިތުން ވަރަށް ބޮޑު ހޭދައެއްކޮށްގެން ބަލަހައްޓަމުން އައި ތަނެއް ކަމަށާއި ފެނަކައިން އެތަނާ ޙަވާލުވުމަކީ ރައްޔިތުންގެ އުއްމީދެއް ކަމަށެވެ.



މުންޑޫ ކައުންސިލުން ވަނީ، އިންޖީނުގޭގެ އިދާރީ މަސައްކަތް ކުރުމަށް އެރަށު ޕްރީސްކޫލް ހުންނަ އިމާރާތުން ބައެއް ހަމަޖައްސައިދީފައެވެ.