ޚަބަރު

ބީއެމްއެލް އިން ދޫކުރާ 2 ލޯނެއްގެ އިންޓްރެސްޓް ރޭޓް ދަށް ކޮށްފި


ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ހައުސިންގ ލޯނުތަކުގެ އިންޓްރެސްޓް ރޭޓުން 2 އިންސައްތަ އަދި ޕާސަނަލް ލޯނުތަކުގެ އިންޓަރެސްޓް ރޭޓުން 6 އިންސައްތަ ދަށްކޮށްފިއެވެ.

އިންޓްރެސްޓް ރޭޓަށް ގެނައި ބަދަލަށް ޢަމަލުކުރަން ފަށާނީ އަންނަ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން ދޫކުރާ ލޯނުތަކުންނެވެ.

ބޭންކް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް ހައުސިންގ ލޯނުގެ ކުރީގެ އިންޓަރެސްޓަކީ އެވްރެޖްކޮށް އަހަރަކަށް 11 އިންސައްތައެވެ. އިންޓްރެސްޓް ރޭޓަށް ގެނެވުނު ބަދަލާއެކު ހައުސިންގ ލޯންތަކަށް އިންޓްރެސްޓަށް ދައްކަންޖެހޭ ޢަދަދު އެވްރެޖްކޮށް އަހަރަކު 9 އިންސައްތައަށް ދަށްވާނެއެވެ. ބީއެމްއެލްގެ ޕާސަނަލް ލޯނުތަކުގެ އިންޓަރެސްޓްގެގޮތުގައި އެވްރެޖްކޮށް އަހަރަކު 18 އިންސައްތަ މިހާތަނަށް އައީ ނަގަމުންނެވެ. ރޭޓަށް ގެނެވުނު ބަދަލާއެކު ޕާސަނަލް ލޯނުތަކުގެ އިންޓްރެސްޓް ރޭޓް އަހަރަކު 12 އިންސައްތައަށް މިވަނީ ދައްވެފައެވެ.

ބީއެމްއެލްގެ ލޯންތަކުގެ އިންޓްރެސްޓް ރޭޓަށް ގެނައި ބަދަލުތައް ނޫސްވެރިންނާ ޙިއްޞާކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ބޭންކުގެ ޙަޔާތުގައިވެސް ފުރަތަމަ ފަހަރަށް ލޯނުގެ އިންޓްރެސްޓް ރޭޓް ދަށްކޮށްފައި މިވަނީ އެކުންފުނީގެ މިހާރުގެ ޙާލަތަށް ބަލައި މިފަދަ ބަދަލެއް ގެނައުމަށް އެންމެ އެކަށޭނަ ޙާލަތަށް ކުންފުނި އައުމުން ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ހުރި ފައިނޭންސިންގ އިންސްޓިޓިއުޓްތަކާ އަޅާބަލާއިރު ބޭންކުގެ އާ ރޭޓްތަކަކީ ވާދަވެރި ރޭޓްތަކެއް ކަމަށް އެންޑްރޫ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޕާސަނަލް ލޯނުގެ ގޮތުގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން އައީ ލުއި އެކްސްޕްރެސް ލޯނެވެ. ލުއި އެކްސްޕްރެސްގެ ނަމުގައި ދޫކުރާ ލޯނަކީ ރަހުނެއް ބެހެއްޓުމަކާ ނުލައި، ގިނަވެގެން 50 ހާސް ރުފިޔާއާ ހަމައަށް ދޫކުރަމުން އައި ލޯނެކެވެ. މިލޯނުގެ އިންޓްރެސްޓް ރޭޓު ކަމަށްވާ 18 އިންސައްތައަށް ބަދަލެއް ގެނައުމަށް މިހާތަނަށް ނިންމާފައެއް ނުވެއެވެ. އެހެން ނަމަވެސް ޕާސަނަލް ލޯނުގެ ތެރެއަށް އަލަށް ތަޢާރަފްކުރާ ދެ ބާވަތުގެ ލޯނުގެ އިންޓްރެސްޓް ރޭޓް ވަނީ ކުޑަކޮށްފައެވެ. އެގޮތުން ލުއި ޕްރޮފެޝަނަލް ގެ ނަމުގައި ތަޢާރަފްކުރާ ލޯނުންގެ އިންޓްރެސްޓްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 15 އިންސައްތައެވެ. މިއީ ރަހުނެއް ނުބަހައްޓައި، 100 ހާސް ރުފިޔާއާ ހަމައަށް ދޫކުރާ ލޯނެކެވެ. އަދި ރަހުނެއް ބެހެއްޓުމަށްފަހު ދޫކުރުމަށް ހަމަޖެހިފައިވާ ކޮލޭޓްރަލް ބެކްޑް ލޯނުން އިންޓްރެސްޓްގެ ގޮތުގައި ނަގަން ނިންމާފައި ބަނީ 11.75 އިންސައްތައެވެ. މިއީ ރަހުނެއް ބެހެއްޓުމަށްފަހު، 100 ހާސް ރުފިޔާއާއި ހަމައަށް ދޫކުރާ ލޯނެކެވެ

 މި ދެލޯނު ދޫކުރަން ފަށާނެ ތާރީޚާއި ލޯނާބެހޭ އިތުރު މަޢުލޫމާތު ކައިރި މުސްތަޤްބަލެއްގައި ޢާންމުކުރާނެ ކަމަށް ބޭންކުން ބުނެއެވެ.