ކުޅިވަރު

4 އަހަރަށް ފަހު ޤައުމީ ވޮލީ ކެޕްޓަނަށް ސްކޮޑުން ޖާގަ ގެއްލިއްޖެ


4 އަހަރުގެ ތެރޭގައި ޤައުމީ ވޮލީ ޓީމްގެ ކެޕްޓަން އިޝާން މުހައްމަދު ( ބަޓިޝް ) ފުރަތަމަ ފަހަރަށް ސްކޮޑުން ބާކީވެއްޖެއެވެ.

ޤައުމީ ވޮލީ ޓީމްގެ ކެޕްޓަން އިޝާން މުޙައްމަދު، ބަޓިސްއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު ވޮލީ ކުޅުންތެރިޔާ، ނުވަތަ ރާއްޖޭގައި ހުރި އެންމެ މޮޅު ސެޓަރެވެ. ނަމަވެސް މެލޭޝިޔާގައި އޮންނަ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތަށް ސީނިއަރ ވޮލީ ޓީމް މާދަމާ ފުރާނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސެޓަރާއި ނުލައެވެ. މިއީ 2013 ވަނަ އަހަރަށްފަހު ބަޓިސް ނުލާ ވޮލީ ޓީމް މުބާރާތަކާ ކުރިމަތިލާ ފުރަތަމަ ފަހަރެވެ. މެލޭޝިޔާގައި އޮންނަ އިންވިޓޭޝަނަލް ވޮލީ މުބާރާތަށް ގައުމީ ޓީމްގެ ޕްރެކްޓިސްތައް ފެށުމުގެ ކުރިން އެސޯސިއޭޝަނުން ބުނީ މުބާރަތަށް ގެންދާނީ ޤަވާއިދުން ޕްރެކްޓިސްތަކަށް އަންނަ ހާޟިރީއަށް ފަރުވާތެރި ކުޅުންތެރިންކަމަށެވެ.

 2013 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުން ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ބަޓިސްއާއި ގުޅޭގޮތުން ވޮލީ ބޯޅަ އެސޯސިއޭޝަންގެ ނައިބް ރައީސް އިލްޔާސް އަހުމަދު ވިދާޅުވީ ބަޓިސްއަކީ އަދިވެސް ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާކަމަށާއި، އެވަރުގެ ކުޅުންތެރިއަކު އަދި ނެތްކަމަށެވެ. ނަމަވެސް މިފަހަރުގެ މުބާރާތަށް ބަޓިސްއަށް ނުދެވެނީ ބައެއް ކަހަލަ އަމިއްލަ ސަބަބުތަކާ ހެދި، ޤަވާއިދުން ޕްރެކްޓިސްއަށް ނާދެވުމުންކަމަށެވެ. އިލްޔާސް ވިދާޅުވީ މިމުބާރާތަށް ބަޓިސް ނުގެންދިޔަނަމަވެސް އަދިވެސް އޭނާއަކީ ގައުމީ ޓީމްގައި ވަރަށް މުހިންމު ކުޅުންތެރިއެއްކަމަށެވެ.  

މިކަމާ ގުޅިގެން ޕީއެސްއެމްއާ ވާހަކަދައްކަމުން ބަޓިސް ބުނީ އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް ކުޑަ ދުވަސްކޮޅެއް ޗުއްޓީ ނެގިކަމަށެވެ. ކުޑަދުވަސްކޮޅެއް ނެގީވެސް ކޯޗުގެ ހުއްދައާއެކު ކަމަށްވެސް އޭނާ ބުންޏެވެ. މީގެ ކުރިން ގައުމީ ޓީމް ކުޅުންތެރިން ޗުއްޓީއަށް ނުވަތަ އެހެންކަންތައްތަކުގައިވެސް ދުވަސް ނަގަނީ ރަސްމީކޮށް އެކަން އަންގައިގެން ނޫންކަމަށާއި، ހަމަ އެވަގުތަކު ޓީމް ހިންގަން ހުންނަ މީހެއްގެ ކައިރީގައި ބުނެފައި ދަނީކަމަށެވެ. ބަޓިސް ބުނީ ޗުއްޓީއަށް ދިޔަކަން އެސޯސިއޭޝަނަށްވެސް އިނގޭނެކަމަށާއި، އަދި އެއްވެސް ވަރަކަށް ޕްރެކްޓިސްގައި ބައިވެރިނުވެއްޖެނަމަ، ޓީމަށް ނާރާނެ ވާހަކަ މީގެ ކުރިން އަންގާފައިނުވާކަމަށެވެ. ބަޓިސް ބުނީ މިފަހަރު ވޮލީ ބޯލް އެސޯސިއޭޝަނުން ކަންތައްތައްކޮށްފައިވަނީ މުޅިން އޮޅުވާލައިގެންކަމަށާއި، ޓީމަށް ނާރާނެ ވާހަކަ އެއްވެސް އިރެއްގައި ބުނެފައިނުވާކަމަށެވެ. ބަޓިސް ބުނީ އަދިވެސް ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރިކަމަށާއި، ނަމަވެސް މިހާރު ބައެއްކަހަލަ ކަންތަށްތަކާ ގުޅޭގޮތުން އެސޯސިއޭޝަނާ ވާހަކަދައްކަން ޖެހިފައިވާކަމަށެވެ.

ނިމިގެންދިޔަ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާފައިވަނީވެސް ބަޓިސްއެވެ. އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ ދެ ވަނަ ވޮލީ ޓީމް ހޯދިއިރުއާއި، ބަނގްލަދޭޝްގައި އޮތް ވޮލީ މުބާރާތުގައި ރާއްޖޭގެ ޓީމް ފައިނަލްގައި ކަޒަކިސްތާންއަތުން ރާއްޖޭގެ ޓީމް ބަލިވި މެޗުގައިވެސް ބަޓިސްގެ ކުޅުން ފާހަގަކޮށްލެވުނެވެ.