ޚަބަރު

ރަނގަޅަށް މަސައްކަތްކުރާ ކައުންސިލްތަކަށް އެވޯޑްދޭން ނިންމައިފި


މިއަހަރުން ފެށިގެން އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންސިލުތަކަށް އެވޯޑްދިނުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، (އެލްޖީއޭ) އިން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ކައުންސިލްތަކުގެ މަސައްކަތް ރޭންކް ކުރުމަށް އެލްޖީއޭއިން ތައްޔާރުކުރި ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއަށް ބަލައިގެންނެވެ.

އެލްޖީއޭއިން ބުނީ މިއިންޑެކްސްއަށް ބަލައިގެން މިހާރު ކައުންސިލްތައް ރޭންކް ކޮށްފައިވާ ކަމަށާއި އެވޯޑް ދިނުމަށް ނިންމާފައިވަނީ 3 ދާއިރާއަކުން ކަމަށެވެ. އެއީ އަތޮޅު ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅު 3 ކައުންސިލަކަށާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ކައުންސިލަކަށާއި، ކޮންމެ އަތޮޅަކުން އެންމެ ރަނގަޅު ކައުންސިލަކަށް ކަމަށެވެ. މި 3 ކެޓަގަރީން ޖުމްލަ 28 ކައުންސިލަކަށް އެވޯޑް ދިނުމަށް ނިންމަވާފައިވެއެވެ. މި އެވޯޑު ދިނުން އޮންނާނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަށް ފެށި ދުވަސް ފާހަގަ ކުރުމަށް، މިމަހުގެ 6 ދުވަހު އެލްޖީއޭއިން ބާއްވާ ޚާއްސަ ޖަލްސާގައެވެ.

އެންމެ ރަނގަޅު ކައުންސިލް ހޮވާ، އެލްޖީއޭއިން ދިނުމަށް ނިންމާފައިވާ އެވޯޑުގެ ނަމަކީ "ކަންގަތި އެވޯޑް" އެވެ. "ކަންގަތި" އަކީ އިހުޒަމާނުގައި ރަށްރަށުގެ ވެރިންނަށް ރަސްރަސްކަލުން ދެއްވާ ކޮލީގެ އިއްޒަތެކެވެ. މި ގޮތުން ކަންގަތި ކޮލީގެ އިއްޒަތަކީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ރައްޔިތުން އިންތިހާބުކުރާ ބަޔަކަށް ދެމުންދިޔަ އިއްޒަތެކެވެ.