ކުޅިވަރު

ޔޫއޭއީއާ ވާދަކުރާ މެޗް އެއްވަރުކޮށްލުމަކީވެސް ކުރިއެރުމެއް


ޔޫއޭއީއާ އެއްވަރުކޮށްލުމަކީވެސް ޤައުމީ އަންހެން ފުޓްބޯޅަ ޓީމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމާއި މިވަގުތު ޙަވާލުވެގެން ހުރި ކޯޗް އިބްރާހީމް ޙަލީމް ބުނެފިއެވެ. 

ޔޫއޭއީއާއެކު ކުޅުމަށް ހަމަޖެހިފައިވާ ރަޙްމަތެރިކަމުގެ ދެ މެޗަށް ފުރުމުގެ ކުރިން އިބްރާހީމް ޙަލީމް ޕީއެސްއެމްއާ ވާހަކަދައްކަމުން ބުނީ މިދެ މެޗް ކުޅެން ހަމަޖެހުމަކީ އަންހެން ފުޓްބޯޅަ ޓީމަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއްކަމަށާއި ޔޫއޭއީ ފަދަ ވަރުގަދަ ޓީމަކާއެކު ކުޅެލަން ލިބުމަކީ މިހާރު ޓީމްގައި ތިބި ކުދިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަޖްރިބާއެއްކަމަށެވެ. ޙަލީމް ފާހަގަކުރާގޮތުގައި ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމް ވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. ޔޫއޭއީގައި ކުޅޭ ދެ މެޗްވެގެންދާނީ އެނަތީޖާއަށް އިތުރުވެގެންދާނެ ބޮޅެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

 ސައުތް އޭޝިއަން ގޭމްސްގައި ނެރެވިފައިވާ ނަތީޖާގެ ސަބަބުން ކުޅުންތެރިންނަށްވެސް މިހާރު އިތުރު ހިތްވަރެއް ލިބިފައިވާކަމަށް ގައުމީ ޓީމްގެ ކޯޗް ޙަލީމް ބުންޏެވެ.

"ސައުންތް އޭޝިއަން ގޭމްސްއަށް ފުރުމުގެ ކުރިންވަނީ ބަޙްރެއިންގައި ކޭމްޕްކުރިން. ބަޙްރެއިންގެ ކޭމްޕްގެ ސަބަބުން ގޭމްސްގައި ވަރަށް ބޮޑަށް ޓީމަށް ފައިދާ ކުރި. އެކަމުގެ ސަބަބުން ނަތީޖާއަށްވެސް ބަދަލުއައިސް ޓީމްގެ ފަރާތުން ބައެއް މެޗްތަކުގައި ވަރަށް މޮޅަށް ކުޅެފައިވޭ. އަޅުނގަޑު ބުނާނީ ޔޫއީއަކީވެސް ބަލި ޓީމެއްނޫނޭ، ނަމަވެސް ރާއްޖެއަށް ޔޫއޭއީއާ އެއްވަރުކޮށްލެވިދާނެ." ހަލީމް ބުންޏެވެ.

ނިމިގެންދިޔަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް ވަނީ ހަތަރުވަނާގައި އޮވެގެން ގޭމްސް ނިންމާލާފައެވެ. ޔޫއޭއީއާއެކު ކުޅުމަށް ހަމަޖެހިފައިވާ ރަޙްމަތްތެރިކަމުގެ ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވާނީ މިއަންނަ ބުރާސްފަތި ދުވަހުއެވެ. ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އާދީއްތަ ދުވަހުއެވެ.  

މިދެ މެޗަކީ ފީފާ ރޭންކިންއަށް ގުނާ ދެ މެޗްކަންވެސް ފާހަގަކޮށްލެވެއެވެ.