ރަޝިޔާގެ އަސްކަރީ މަތިންދާބޯޓަކަށް އޮޅިގެން އެ ޤައުމުގެ ރަށަކަށް ދެވުނު ހަމަލާއެއްގައި ޢާންމުންގެ ތިން މީހުން ޒަޚަމުވެއްޖެއެވެ. ރަޝިޔާގެ އަސްކަރީ މަތިންދާބޯޓަކުން ޙަމަލާދީފައި ވަނީ ބެލްގޮރޮޑް ކިޔާ ރަށަކަށެވެ. އެއީ، ޔޫކްރެއިނާ އިންވެގެން ސަރަޙައްދީ ރޮނގާއި 40 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.
ޙަމަލާ އަރާފައި ވަނީ ރަށުގެ މެދުތެރޭގައިވާ ސަރަޙައްދަކަށެވެ. އެއީ ކާރޫބާރޫ ބޮޑު ސަރަޙައްދެކެވެ. މި ހާދިސާގައި ޒަޚަމުވި ތިން މީހުންގެ ތެރޭގައި ހިމެނޭ ދެ އަންހެނުން ވަނީ ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާދޭން ފަށާފައެވެ. އެ ސަރަޙައްދަށް ވައްޓައިލާފައިވާ ބޮން ގޮވާފައި ވަނީ އޭތި ވެއްޓުނުތާ 18 ވަރަކަށް ސިކުންތު ފަހުން ކަމުގައި މަންޒަރު ފެނުނު މީހުން ބުނެއެވެ.
މި ޙަމަލާގައި 20 މީޓަރުގެ ފުން ވަޅުގަނޑެއް ހެދިފައިވާއިރު، ބައެއް ޢިމާރާތްތަކާއި އެއްގަމު އުޅަނދުފަހަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާގައި ގެއްލުންވި ނުވަ ބުރިއަށް ނަގާފައިވާ ޢިމާރާތެއްގައި ދިރިއުޅޭ ރައްޔިތުން މިހާރު ރައްކާތެރި ހިސާބަކަށް ބަދަލުކޮށްފައިވާ ކަމުގައި ބެލްގޮރޮޑްގެ ގަވަރުނަރު ވިޔަޗެސްލާވް ގްލެޑްކޮފް ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، "އެސް.ޔޫ-34" މަރުކާގެ އަސްކަރީ މަތިންދާބޯޓެއް އެ ސަރަޙައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށާއި، ބެލްގޮރޮޑަށް ޙަމަލާ ދެވިފައި ވަނީ އޮޅުކަމުން ކަމުގައެވެ. ނަމަވެސް، އަސްކަރީ މަތިންދާބޯޓުން ބޭނުންކޮށްފައި ވަނީ ކޮން ކަހަލަ ބޮމެއް ކަން އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ސާފުކޮށްދީފައެއް ނުވެއެވެ.
ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤެއް ފަށާފައެވެ. ނަމަވެސް، އެ ތަހުޤީޤުން ހާމަވާ ކަންކަން ޢާންމުންނާ ހިއްސާ ކުރާނެ ކަމަކަށް ނުބެލެވެއެވެ. ބޮން އަޅައި ގެއްލުންދީފައިވާ ސަރަޙައްދު މަރާމާތު ކުރުމަށް ބެލްގޮރޮޑުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
ބެލްގޮރޮޑަކީ 370,000 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އަދި، ޔޫކްރެއިނުގެ އަމާޒުތަކަށް ހަމަލާދިނުމަށް ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުން އެ ރަށުގެ މަތިން އެތަކެއް ފަހަރަކު ހުރަސް ކުރެއެވެ. އެ ރަށް އޮންނަނީ ޔޫކްރެއިނުގެ ދެވަނައަށް އެންމެ ބޮޑު ރަށް ކަމުގައިވާ ޚަރްކީވުގެ އުތުރުންނެވެ. ޔޫކްރެއިނުން ވެސް މީގެ ކުރިން ބެލްގޮރޮޑަށް ޙަމަލާދީފައިވާ ކަމަށް ރަޝިޔާއިން ތުހުމަތު ކުރެއެވެ. ނަމަވެސް، ޔޫކްރެއިނުން އެ ޙަމަލާތަކުގެ ޒިންމާ އުފުލާފައެއް ނުވެއެވެ.