ކުޅިވަރު

ކްލަބް މޯލްޑިވްސް ކަޕްގެ ގުރުއަތުލުން ބާއްވައިފި


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ މައިލޯ ކްލަބް މޯލްޑިވްސް ކަޕްގެ ގުރުއަތުލުން މިރޭ ބާއްވައިފިއެވެ. 

ސަރުކާރު އޮފީސްތަކާއި ކުންފުނިތައް ބައިވެރިވާ މި މުބާރާތުގެ މައިލޯ ކްލަބް މޯލްޑިވްސް ކަޕްގެ ބައިގަ މިފަހަރު ފިރިހެން 36ޓީމް ވާދަކުރާނެއެވެ.

36 ޓީމް ނުވަ ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ހަތަރު ޓީމެވެ. އަދި ގްރޫޕްތަކަށް ޓީމްތައް ބަހާލާފައިވަނީ ސީޑްކުރެވިގެންކަން ފާހަގަކޮށްލެވެއެވެ. މިމުބާރާތުގެ ޓީމްތައް ސީޑްކޮށްފައިވަނީ މިދިޔަ އަހަރު ޓީމްތައް ނެރުނު ނަތީޖާއަށް ބެލުމަށްފަހުއެވެ.

މައިލޯ ކްލަބް މޯލްޑިވްސް ކަޕާއިއެކު ކުރިއަށްދާ އެއިޓީން ތާރޓީ ވިމެންސް ފުޓްސަލް ފިއެސްޓާގެ ގުރުއަތުލުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަންހެން ބައިގައި މިފަހަރު ސޯޅަ ޓީމްވަނީ ބައިވެރިވެފައެވެ. ސޯޅަ ޓީމް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު އަންހެން ގުރުއަތުލުން ބާއްވާފައިވަނީވެސް ޓީމްތައް ސީޑްކޮށްގެންކަން ފާހަގަކޮށްލެވެއެވެ. 

މައިލޯ ކްލަބް މޯލްޑިވްސް ކަޕާއި އެއިޓީން ތާރޓީ ވިމެންސް ފުޓްސަލް ފިއެސްޓާގެ ކުޅުން ކުރިއަށްދާނީ މާރޗް މަހުގެ ސައުވީހުން އޭޕްރީލް ތޭވީހުގެ ނިޔަލަށެވެ. މައިލޯ ކްލަބް މޯލްޑިވްސް ކަޕްގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ އެސްޓީއޯއެވެ. އަދި އެއިޓީން ތާރޓީ ވިމެންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަން ޓީމަކީ ކްލަބް އިމިގްރޭޝަނެވެ.