އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮލިވިއާ ޖިރޫ، އެ ކުލަބުގައި އިތުރު އެއް އަހަރު މަޑުކުރަން ނިންމައި އެއްބަސްވުމުން އާކޮށްފިއެވެ.
މިއެއްބަސްވުމުގެ ދަށުން އުމުރުން 36 އަހަރުގެ ޖިރޫ މިލާންގައި އަންނަ ސީޒަން ނިމެންދެން މަޑުކުރާނެއެވެ.
ޖިރޫ މިލާންގައި އިތުރު އެއްއަހަރު މަޑުކުރަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފައިމިވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން މިލާން ޖާގަހޯދިތާ އެއްދުވަސް ފަހުންނެވެ. ޖިރޫ ވަނީ މިލާން މިމުބާރާތުގެ ސެމީފައިނަލަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިއީ 2007 ވަނަ އަހަރަށްފަހު މިމުބާރާތުގެ ސެމީފައިނަލުން މިލާނަށް ޖާގަހޯދުނު ފުރަތަމަ ފަހަރެވެ.
2021 ވަނަ އަހަރު ޗެލްސީއިން މިލާނަށް ބަދަލުވި ޖިރޫ ވަނީ މިހާތަނަށް ކުޅުނު 76 މެޗްގައި 27 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މީގެއިތުރުން 11 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިޓާލިއަން ލީގުގެ ތަށި މިދިޔަ އަހަރު އުފުލާލިއިރު އެކާމިޔާބީގައިވެސް ޖިރޫވަނީ މުހިންމު ދައުރެއް އަދާކޮށްދީފައެވެ. މިގޮތުން މިދިޔަ ސީޒަންގައި އޭނާވަނީ ލީގުގައި 11 ލަނޑު ކާމިޔާބުކޮށްދީފައެވެ.
އައު އެއްބަސްވުމުގައި ސޮއިކުރާކަން އާންމު ވުމާއެކު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޖިރޫ ވަނީ އޭނާ ވަރަށް އުފަލުން ހުރިކަން ހާމަކޮށްފައެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގައި ހޯދުނު ކާމިޔާބީ ފާހަގަކުރުމަށް އެންމެ ރަނގަޅު އެއް ގޮތް ކަމަށްވެސް އޭނާ ބުންޏެވެ.