ކުޅިވަރު

ކޫޕްމަން އާއި ހިޑިންކަށް އެފްއޭއެމުން ފައިސާ ދައްކައިފި


ފީފާއިން އެންގި އެންގުމާ އެއްގޮތަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން އާއި އެސިސްޓަންޓް ކޯޗު ރެނޭ ހިޑިންކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފައިސާ ދައްކައިފިއެވެ.

ފީފާ ޓްރިބިއުނަލުން މައްސަލަ ބަލައި މިދިޔަ އަހަރުގެ މެދު ތެރޭގައި ވަނީ ކޫޕްމަން އާއި ހިޑިންކަށް ބަދަލު ދިނުމަށް އަންގާފައެވެ. އެއާ އެއްގޮތަށް އެ އެސޯސިއޭޝަނުން ވަނީ ޖުމްލަ އެކު 6.6 މިލިއަން ރުފިޔާ އެ ދެ ކޯޗުންނަށް ދައްކާފައެވެ. އެ ފައިސާ ދެއްކިކަން އިތުބާރު ހުރި މަސްދަރަކުން ވަނީ "ޕީއެސްއެމް ސްޕޯޓްސް" އަށް ކަށަވަރުކޮށްދީފައެވެ.

ކޫޕްމަން އާއި ހިޑިންކް ރާއްޖޭގެ ގައުމީ ޓީމާ ގުޅުނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކޫޕްމަންގެ އެއްބަސްވުން ވަނީ އިތުރު ތިން އަހަރަށް އާކޮށްފައެވެ.

ނަމަވެސް އޭގެ ފަހުން އެ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކޫޕްމަންގެ އެއްބަސްވުން ވަނީ އުވާލާފައެވެ. އެފްއޭއެމުން އެ ފަހަރު ބުނީ ކޫޕްމަންގެ އެއްބަސްވުން އުވާލަން ނިންމީ ދެ ފަރާތް އެއްބަސްވެގެން ކަމަށެވެ. އެކަމަކު އޭގެ ފަހުން ކޫޕްމަން އާއި ހިޑިންކުވެސް ވަނީ އެ ދެ ކޯޗުން ވަޒީފާއިން ވަކިކުރީ އުސޫލާ ޚިލާފަށް ކަމަށް ބުނެ ފީފާއަށް މައްސަލަ ހުށަހަޅާފައެވެ.

މައުލޫމާތު ލިބޭ ގޮތުން އެފްއޭއެމުން ވަނީ މުސާރަ އާއި އެހެނިހެން ޖޫރިމަނާގެ ގޮތުގައި ކޫޕްމަނަށް 3.4 މިލިއަން ރުފިޔާ ދައްކާފައެވެ. އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައިވެސް މަސައްކަތްކުރި ހިޑިންކަށް ވަނީ 3.2 މިލިއަން ރުފިޔާ ދައްކާފައެވެ.

އެފްއޭއެމުން ކޫޕްމަން އާއި ހިޑިންކަން ފައިސާ ދެއްކިއިރު، އެ އެސޯސިއޭޝަނުން މީގެ ކުރިން ވަނީ ގައުމީ އަންހެން ޓީމުގެ ކޯޗަކަށް މަސައްކަތްކުރި ސާބިއާގެ ޑޭވޯ ބާބާ އަށް ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކާފައެވެ.