ޚަބަރު

އަލިފުށި ޓިވެޓް ސެންޓަރު ހިންގަން ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުން


ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ރ. އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މިހާތަނަށް ބަލާއިރު މިތަނުގައި ތަރައްޤީކުރާ 3 ބްލޮކްގެވެސް ކޮންކްރިޓް ހުރިހާ މަސައްކަތްތަކެއް ނިންމާލާ މިހާރު ކުރިއަށްދަނީ ރޭނުމުގެ މަސައްކަތް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މިހާރު ކުރިއަށްދަނީ އަލިފުށި ޓިވެޓް ސެންޓަރ ހިންގަން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްކަމަށެވެ. އެގޮތުން ކިޔަވައިދޭ ޕްރޮގްރާމްތަކުގެ ޓެކްނިކަލް މަސައްކަތްތަކާއި، އިދާރީ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަމަށެވެ. މީގެއިތުރުން ވޯލްޑް ބޭންކްގެ އެހީގައި ސްޓޭޓް އޮފް ދި އާރޓް އައިސީޓީ ލެބޯޓަރީއާއި ވޯކްޝޮޕަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ރ.އަލިފުށީ ޓިވެޓް ސެންޓަރ ޚާއްސަ ކުރުމަށް ހަމަޖެހިފައިވަނީ ބޯޓް ބިލްޑިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. މީގެ އިތުރުން ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައްވެސް މި އިންސްޓިޓިއުޓްގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

މި ޓިވެޓްސެންޓަރުގައި ބޯޓްޔާޑަކާއި ކާޕެންޓްރީ ވޯކްޝޮޕަކާއި މެޝިން ވޯކްޝޮޕަކާއި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ހަ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެކަމަށެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މި ސެންޓަރު ގާއިމްކުރެވޭއިރު، ދަރިވަރުން ބޭތިއްބުމަށް، 58 ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަމަށް ކިޗަން އަދި ޑައިނިންގ އޭރިއާއެއްގެ އިތުރުން ލޯންޑްރީއާއި ކޮމަން ރޫމްސް އަދި ސްޓަޑީ ރޫމްތައްވެސް ހުންނާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުންވެސް، ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ.

ރ.އަލިފުށީ ޓިވެޓް ސެންޓަރަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގެ ތެރެއިން ތަރައްޤީ ކުރެވޭ ސެންޓަރެއް ކަމަށް ހަޔަރ އެމިނިސްޓްރީން ވިދާޅުވެއެވެ.