ޚަބަރު

ފޭދޫ ބިން ހިއްކުން ފެށުމަށްޓަކައި ބަންޑުއަލް ޖަހަން ފަށައިފި


އައްޑޫ ސިޓީގެ ފޭދޫގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށްޓަކައި " ބަންޑުއަލް" ޖެހުމުގެ މަސައްކަތް މިއަދު ފަށްޓަވައިފިއެވެ.

ބަންޑުއަލް ޖަގާ ރަންވޯލް ޖެހުމުގެ މަސައްކަތް ހަތަރު ހަފްތާތެރޭގައި ނިމޭނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އައްޑޫ ސިޓީގެ ހައުސިންގް ޑިޕާޓްމަންޓުން މަޢުލޫމާތު ދެއްވި ރަންވޯލް ޖެހުމުގެ މަސައްކަތް ނިމި އޭޕްރީލް މަހުގެ ތެރޭގައި ބިން ހިއްކެވުމަށްޓަކައި ޑްރެޖަރ ފޭދުއަށް ގެނެވޭނެއެވެ. ހައުސިން މިނިސްޓްރީން ވިދާޅުވީ ފޭދޫ ބިން ހިއްކެވުމަށްޓަކައި އީއައިއޭވެސް މި މަސައްކަތަށް ބޭނުންވާ ތަކެތިވެސް މިހާރު ވަނީ ފޭދުއަށް ގެންދަވާފައެވެ. 

ފޭދޫގައި ކުރިން 50 ހެކްޓަރުގެ ބިން ހިއްކަވަން ހަމަޖެހިފައިވީނަމަވެސް މިހާރު 64 ހެކްޓަރުގެ ބިން ހިއްކެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މަސައްކަތް ފަށްޓަވާތާ ހަފްތާއެއްގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ހާމަކުރައްވާއެވެ. ބިން ހިއްކެވުމުގެ މަސައްކަތް ނިމުމާއެކު ހިއްކި ސަރަޙައްދު ޙިމާޔަތް ކުރެއްވުމަށްޓަކައި ތޮށިގަނޑެއް ލެއްވުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވުމަށް ވަނީ ނިންމާފައެވެ.

ފޭދޫގެ ބިން ހިއްކެވުމަށް ނެދަލޭންޑްސްގެ ވަންނޫރު ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ޙަވާލުކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ފަހެއްގައެވެ.