ޚަބަރު

މަރާމަތަށްފަހު "ހުރަވީ" ރާއްޖެ އަތުވެއްޖެ


އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ މަރާމާތަށް އިންޑިއާގެ ވިޝާކާޕަޓްނަމަށް ކުރި ދަތުރު ނިންމާލުމަށްފަހު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ހުރަވީ މަރާމާތަށް އިންޑިއާގެ ވިޝާކާޕަޓްނަމް ބަނދަރުގައި 11 މަސް ދުވަސް ހޭދަކޮށްފައިވާއިރު، މިމުއްދަތުގެ ތެރޭގައި މަރާމާތުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މިޝިޕް ރާއްޖޭގައި މިއަދު ބަނދަރުކުރުމުން އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމް ވަނީ މި ޝިޕަށް ޒިޔާރަތް ކުރައްވައި، އުޅަނދު ބައްލަވާލައްވާފައެވެ.ކޯސްޓްގާޑް ޝިޕް ހުރަވީ އިންޑިއާއަށް ފުރާފައިވަނީ 2015 މާރޗު 26 ވަނަ ދުވަހުއެވެ. މި ދަތުރުގައި ޝިޕް ހުރަވީ ވަނީ އިންޑިއާގެ ތާރީޚުގައި ބޭއްވި އެންމެ ބޮޑު ފްލީޓް ރިވިއުގައި ބައިވެރިވެފައެވެ. މިއީ، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕެއް ބައިނަލްއަޤްވާމީ މިފަދަ ބޮޑު ފްލީޓް ރިވިއުއެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

ކޯސްޓްގާޑް ޝިޕް ހުރަވީ އަކީ ކަނޑުމަތީގެ ތަފާތު އެކި އޮޕަރޭޝަންތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި ކޯސްޓްގާޑުން ހިންގާފައިވާ ގިނަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވަމުން އަންނަ އުޅަނދެކެވެ.