ޚަބަރު

ޕުޓިން ޗައިނާގެ ދިފާޢީ ވަޒީރާ ބައްދަލުކުރައްވައިފި


ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ޗައިނާގެ ދިފާޢީ ވަޒީރު ލީ ޝޮންގްފޫއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރަޝިޔާގެ ވެރިރަށް މޮސްކޯގައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިވަމުންދާ ކަން ފާހަގަ ކުރައްވާފައެވެ. ލީ މޮސްކޯއަށް ވަޑައިގަންނަވާފައި މި ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

"ޗައިނާއާއި ރަޝިޔާއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުންތަކެއް. އެއީ، ފިނިހަނގުރާމައިގެ ދުވަސްވަރުގައި އޮތް ސިޔާސީ އަދި އަސްކަރީ ގުޅުންތަކަށް ވުރެ ގާތް ގުޅުންތަކެއް. އަދި، ދެ ޤައުމުގެ ދެމެދުގައި ހަމަޖެހުން އެބައޮތް. ޗައިނާގެ ދިފާޢީ ވަޒީރުގެ މަޤާމާ ހަވާލުވުމަށް ފަހު ފުރަތަމަ ދަތުރުކުރި ޤައުމަކަށް ރަޝިޔާ ހެދީ އެ ސަބަބާ ހުރެ. މިއީ، ދެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު ގުޅުންތަކެއް ކަމުގައި ދެކެން،" ޕުޓިންއާ ވާހަކަފުޅު ދައްކަވަމުން ލީ ވިދާޅުވިއެވެ.

ލީ ޕުޓިންއާ ބައްދަލުކުރައްވާފައި މި ވަނީ، ޔޫކްރެއިނަށް ރަޝިޔާގެ ސިފައިން ފޮނުވައިގެން ޕުޓިން ހަނގުރާމައެއް ފައްޓަވައިގެން އުޅުއްވާ ދަނޑިވަޅެއްގައެވެ. އެ ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ބާރުތަކުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، ޗައިނާއިން އެ ޤައުމާ ދެކޮޅަށް ފަދަ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި، ދެ ޤައުމުގެ ގުޅުންތައް ބަދަހިކުރަން ކުރަމުންދާ މަސައްކަތްތައް ވަނީ އިތުރަށް ހަރުދަނާ ކޮށްފައެވެ.

ހުސްވި މާރިޗު މަހުގެ ތެރޭގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވެސް ވަނީ ރަޝިޔާއަށް ދަތުރުފުޅެއް ކުރައްވައި، ޕުޓިންއާ އެކު މުހިންމު މަޝްވަރާތަކެއް ބާއްވަވާފައެވެ. ޝީ މޮސްކޯއަށް ވަޑައިގަންނަވާފައި ވަނީ ޔޫކްރެއިނުގައި ހަނގުރާމައިގެ ކުށްތައް ކުރައްވާފައިވާ ކަމުގެ ތުހުމަތުގައި ޕުޓިން ހައްޔަރުކުރުމަށް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައި.ސީ.ސީ)އިން އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. ޝީއަކީ، އައި.ސީ.ސީ.ގެ އަމުރު ނެރުނު ފަހުން ޕުޓިން ބައްދަލުކުރެއްވި އެހެން ޤައުމެއްގެ ފުރަތަމަ ލީޑަރެވެ.

ޝީގެ ދަތުރުފުޅަކީ، ތިންވަނަ ދައުރަކަށް ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގަތުމަށް ފަހު އޭނާ ބޭރު ޤައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ހުޅަނގުން ރަޝިޔާއަށް ކުރިމަތިކުރަމުންދާ ފިއްތުންތަކުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތްތަކުގައި ޗައިނާއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ރަޝިޔާއިން ދެކެއެވެ. އަދި، ޝީއަކީ ބަސްވިކޭ، ހަރުދަނާ، އަދި ބާރުގަދަ ލީޑަރެއްގެ ގޮތުގައި ޕުޓިން ސިފަކުރައްވައެވެ.

ޕުޓިންއާ ލީ ބޭއްވެވި ބައްދަލުކުރެއްވުމުގައި ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވަނީ ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

"ދެ ޤައުމުގެ ދިފާޢީ އިދާރާތަކުން ވެސް ދަނީ ގުޅުންތައް ބަދަހިކުރަން މަސައްކަތް ކުރަމުން. ދެ ޤައުމުގެ ދެމެދުގައި މަޢުލޫމާތު ބަދަލުކުރުން ވަނީ ހަރުދަނާ ކުރެވިފައި. އަދި، އަސްކަރީ ޓެކްނޮލޮޖީގެ ދާއިރާއިން ވެސް ގުޅުން ބަދަހިކުރެވޭ. އަސްކަރީ ތަމްރީނުތައް ބޭއްވުން ވެސް މުހިންމު،" ޕުޓިން ވިދާޅުވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ މެދު ޗައިނާއިން މެދުމިނުގެ ސިޔާސަތެއް ގެންގުޅޭއިރު، ބައިނަލްއަޤުވާމީ މަސްރަޙުގައި ބާރާއި ނުފޫޒު ހިންގަން އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ރަޝިޔާއާއި ޗައިނާއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން، މި ދާއިރާއިން ދެ ޤައުމުން ގުޅިގެން މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަން ފާހަގަކުރެވެއެވެ.