ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިއްވަައިފައިވާ ޖަލު ޙުކުމާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ދެއްކެވިކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ފަތުރަމުންދާ ވާހަކަތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދޮގުކުރައްވައިފިއެވެ.
ޕީޖީ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތުގެ ކަންކަން ހިނގަމުންދާ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޕީޕީއެމް/ ޕީއެންސީގެ އިސް ބޭފުޅުން އެދިވަޑައިގެން މިއަދު ބައްދަލުވުމެއް ބޭއްވެވިކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލަ އަވަހަށް ނިމުމަކީ ޕީޖީ އޮފީހުންވެސް އެދިވަޑައިގަންނަވާ ގޮތްކަމަށް ޕީޖީ ވިދާޅުވިކަމަށާއި ނަމަވެސް، މި މައްސަލަ މިހާރުވެސް ލަސްވެފައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ނުކުތާތައް ލިޔެ، ހުށަހެޅުއްވުން ވެސް ލަސްވެފައި އޮތުމުންކަން ޕީޖީ ފާހަގަކުރެއްްވިކަމަށް ޕީޖީ އޮފީޙުން ވިދާޅުވެއެވެ.
ޕީޖީ ވިދާޅުވީ މި މައްސަލައިގެ އަޑުއެހުންތައް ވީހާވެސް އަވަހަކަށް ކުރިޔަށް ގެންގޮސް، މައްސަލައިގައި އަވަހަށް ޙުކުމެއް ކުރުމަށް، ޕީޖީ އޮފީހުން އެއްބާރުލުން ދޭންޖެހޭ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވާކަމަށް ޕީޖީ ވިދާޅުވިކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ބޭފުޅުންނާ ޙަވާލާދީ މީޑިއާގައި ދައްކަމުންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްްކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ އެ ބައްދަލުވުމުގައި ސަރުކާރުގެ ނުފޫޒާބެހޭ ގޮތުން ޕީޕީއެމް/ ޕީއެންސީގެ މެމްބަރުން ދެއްކެވި ވާހަކަފުޅަކީ، އަމިއްލަފުޅަށް ފައުޅުކުރެއްވި ޝުޢޫރެއްކަމަށެވެ.
މީގެއިތުރުން ރައީސް ޔާމީނަކީ ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީއެއް ކަމަށާއި، ޤައިދީންގެ ޝަކުވާތައް ބަލައި އިދާރާއަކީ ކަރެކްޝަންސް ސަރވިސްކަމަށްވާތީ، ރައީސް ޔާމީންގެ ބަންދުގެ ޙާލަތާ ގުޅޭގޮތުން ހުރި ޝަކުވާތައް، ކަމާބެހޭ އިދާރާތަކަށް ހުށަހެޅުއްވުމަށް ބައްދަލުވުމުގައި ވާހަކަ ދެކެވުނުކަމަށް ވެސް ޕީޖީ އޮފީޙުން ވިދާޅުވެއެވެ. އަދި އެކަމަކީ ޕީޖީގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމަކަށް ނުވާތީ، އެ ޝަކުވާއާ ގުޅިގެން ޕީޖީއިން ކޮށްދެވޭނެ ކަމެއް ނެތްކަމަށްވެސް ބުނެފައިވާކަމަށް ޕީޖީ އޮފީހުން މީޑިއާތަކަށް ފޮނުއްވި މެސެޖުގައިވެއެވެ.