ޚަބަރު

މުލިއާގެ ކައިރީގައި ގޮވާއެއްޗެއް ބޭއްވި މައްސަލައިގެ އަޑުއެހުން


މުލީއާގެ ކައިރީގައި ގޮވާ އެއްޗެއް ބޭއްވި މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރައްވައިގެން ކުރިޔަށް ގެންދެވުމަށް ކުރިމިނަލް ކޯޓުން ނިންމަވައިފިއެވެ.

މިދިޔަ އަހަރުގެ ނޮވްމެބަރު މަހުގެ ތެރޭގައި މުލީއާގޭ ކައިރީގައި ގޮވާ އެއްޗެއް ބޭއްވި މައްސަލާގައި ދައުލަތުން ދަޢުވާ އުފުއްލަވާފައިވަނީ ހއ. ހޯރަފުށި އާރޯ އަޙުމަދު މަމްދޫހާއި ތ. ތިމަރަފުށި ވިލާ ޒީހާން މުޙައްމަދާއި މ. ހީރޯ މުޙައްމަދު ޢުބައިދު އިބްރާހީމާއި ހ. މިޓާޒް ޠަލްޢަތު މުޙައްމަދުގެ މައްޗަށެވެ. މި 4 މީހުންގެ ތެރެއިން އަޙްމަދު މަމްދޫހްގެ މައްޗަށް އުފުއްލަވާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުމުގެ ކުށުގެ ދަޢުވާއެވެ. ބާކީ ތިބި 3 މީހުންގެ މައްޗަށް އުފުއްލަވާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.

މި 3 މީހުންގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ދަޢުވާގައި ވަނީ މި މީހުންގެ ބައިވެރިވެގެން އައިއީޑީއެއް ހަދައި މުލީއާގެ ކައިރީގައި އޮންނަ ނޫރާނީ ގޯޅީގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރިމަތީގައި ބާއްވާފައިވާކަމަށެވެ. މި މައްސަލައިގެ އަޑުއެހުން މިއަދު ބޭއްވެވިއިރު މި މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރެއްވީ ޕީޖީ އޮފީހުން އެދިވަޑައިގެންނެވުމުންކަމަށް ކުރިމިނަލް ކޯޓުން ވިދާޅުވިއެވެ.

މި މައްސަލާގައި ދައުލަތުން އުފުއްލެވި ދަޢުވާއަށް މި 4 މީހުންވެސް އިންކާރުކޮށް ވަކީލަކު ޢައްޔަންކުރުމުގެ ފުރުޞަތަކަށް މިއަދު އެދިފައިވެއެވެ.