ޔޫކްރެއިނުގެ އިރުމަތީގައިވާ ސްލޮވިއަންސްކަށް ރަޝިޔާއިން ދިން ވަރުގަދަ ހަމަލާތަކެއްގައި ޢާންމުންގެ އަށް މީހުން މަރުވެއްޖެއެވެ. ސްލޮވިއަންސަކީ ދޮންބާސްގެ ދެ ސަރަޙައްދުގެ ތެރެއިން އެއް ސަރަޙައްދު ކަމުގައިވާ ޑޮނެޓްސްކުގައި އޮންނަ ރަށެކެވެ. އެ ރަށަށް ރަޝިޔާއިން ދިން ހަމަލާތަކުގައި ޢާންމުންގެ 15 މީހުން ޒަޚަމުވިއެވެ.
ސްލޮވިއަންސްކަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކުގެ ތެރެއިން ބައެއް ހަމަލާތައް އަމާޒުވެފައި ވަނީ ޢާންމުން ދިރިއުޅޭ އެޕާޓްމަންޓްތައް ހުންނަ ޢިމާރާތަކަށެވެ. މި ހާދިސާއާ ގުޅިގެން ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ރަޝިޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރެޔާއި ދުވާލު ރަޝިޔާއިން ޔޫކްރެއިނުގެ ޢާންމު ރައްޔިތުން މަރަމުންދާ ކަމުގައި ވިދާޅުވެފައެވެ.
ސްލޮވިއާންސްކުގެ ގަވަރުނަރު ޕަވްލޯ ކިރިލެންކޯ ވިދާޅުވީ ރަޝިޔާއިން އެ ރަށަށް މިސައިލް ހަމަލާތައް ދީފައި ވަނީ މެންދުރުގެ ވަގުތުގައި ކަމުގައެވެ. އަދި، ހަމަލާގައި ސުންނާފަތިވެފައިވާ ޢިމާރާތުގެ ދަށުގައި ގިނަ ޢަދަދެއްގެ ބަޔަކު ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށާއި، މަރުވި މީހުންގެ ޢަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. ޢިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތްކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ސްލޮވިއަންސަކީ ރަޝިޔާއިން ހިފުމަށް މަސައްކަތް ކުރަމުންދާ ޑޮނެޓްސްކުގެ އަނެއް ރަށް ކަމުގައިވާ ބަޚްމުތާއި 45 ކިލޯމީޓަރު ހުޅަނގުއުތުރުން އޮންނަ ރަށެކެވެ. ބަޚްމުތް ހިފުމަށް ރަޝިޔާއިން މަސައްކަތް ފަށާފައި ވަނީ މީގެ އަށެއްކަ މަސް ކުރިންނެވެ. އަދި، އެ ރަށަށް ރަޝިޔާއިން ފޮނުވި ވެގްނަރ ގުރޫޕުގެ ކުލީ ސިފައިން ދާދިފަހުން ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ.
އެ ރަށުގެ 70 އިންސައްތަ މިހާރު އޮތީ ވެގްނަރގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި، ސިޓީ ހޯލް ވެސް ހިފާފައިވާ ކަމަށް އެ ގުރޫޕުން ބުނެއެވެ. ބަޚްމުތްގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދިޔަ ޔޫކްރެއިނުގެ ގިނަ ފައުޖުތަކަށް އެ ރަށް ދޫކޮށް ފަހަތަށް ޖެހުމަށް އަންގާފައިވާ ކަމަށް ވެސް އިނގިރޭސިވިލާތުގެ ޖާސޫސީ މަޢުލޫމާތުތަކުން ހާމަވެއެވެ.
ނަމަވެސް، ބަޚްމުތްގެ ހުރިހާ ސަރަޙައްދަކަށް އަތްގަދަ ކުރަން ރަޝިޔާއިން ކުރަމުންދާ މަސައްކަތްތައް އަދި މިހާތަނަށް މުޅިން ކާމިޔާބުވެފައެއް ނުވެއެވެ. އެ ރަށުގެ ދިފާޢުގައި ހަނގުރާމަކުރަމުންދާ ޔޫކްރެއިނުގެ ސިފައިން ތިބި ސަރަޙައްދުތަކަށް އަރައިގަންނަން ރަޝިޔާ ސިފައިން 50 ވަރަކަށް ފަހަރު މަސައްކަތް ކުރި ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އަދި، މިސައިލާއި ރޮކެޓާއި އާޓިލަރީ ބަޑީގެ 500 އަށްވުރެ ގިނަ ޙަމަލާ ދީފައިވާ ކަމުގައި ވެސް ޔޫކްރެއިނުން ބުނެއެވެ.
ރަޝިޔާގެ އަތްދަށަށް ބަޚްމުތް ވެއްޓިއްޖެ ނަމަ، އަތްގަދަ ކުރުމަށް ރަޝިޔާއިން މަސައްކަތް ކުރާނެ އެއް ރަށަކީ ސްލޮވިއަންސްކް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. ފަހަކަށް އައިސް ރަޝިޔާއިން ސްލޮވިއަންސްކަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.