ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށްދާ "ސްޓެލްކޯ އެފްއޭއެމް ވެޓެރަންސް ލީގު 2023" ގެ ސެމީ ފައިނަލަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ހުއްރިއްޔާ ދަތުރުކޮށްފިއެވެ.
ސެމީގެ ޖާގައެއް ދަ ގްރާންޑޭއިން ހޯދީ އެފްއޭއެމް އެއް ނަންބަރު ޓާފް ދަނޑުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ދަ ގްރާންޑޭއިން ވަނީ ލީޑު ނަގާފައެވެ. ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަޙްމަދު ޝަކީބެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން މުޙައްމަދު ނިޒާމް (ތޮއްޑޫ) ވަނީ ލަނޑެއް ޖަހައި، ނިއު ރޭޑިއަންޓަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ދަ ގްރާންޑޭއިން އަލުން ލީޑު ނެގީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޝަކީބު ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އަބްދުﷲ ވަހީދު (ބިންމާ އައްލޯ) ވަނީ ލަނޑެއް ޖަހައި، ދަ ގްރާންޑޭގެ ލީޑު ފުޅާކޮށްދީފައެވެ.
މީގެ އިތުރުން ސެމީގެ ޖާގައެއް ހުއްރިއްޔާއިން ހޯދީ އެފްއޭއެމް ދެ ނަންބަރު ޓާފް ދަނޑުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކުލަބާ ލަނޑެއް ނުޖެހި އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގައި ހުއްރިއްޔާއިން ވަނީ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވައްދާލާފައެވެ. އެގޮތުން ހުސެއިން ނަސީރާއި، ހަސަން ނަދީމް އަދި މައުސޫމް އަބްދުލް ގަފޫރު ޕެނަލްޓީތައް ކާމިޔާބުކުރިއިރު، އެ ޓީމުން ކާމިޔާބުނުވީ އަޙްމަދު ސަމާއު ފޮނުވާލި ޕެނަލްޓީއެވެ.
އަދި ސިފައިންގެ ޓީމުގެ މުޙްއްމަދު ވާސިފް ޖެހި ޕެނަލްޓީ ކާމިޔާބުވި ނަމަވެސް، ދެން ފޮނުވާލި ތިން ޕެނަލްޓީވެސް ކާމިޔާބެއްނުވިއެވެ. އޭގެ ތެރެއިން ދެ ޕެނަލްޓީއެއް ހުއްރިއްޔާގެ ގޯލްކީޕަރު ނަސީހު ވަނީ މަތަކޮށްފައެވެ. އަދި ސިފައިންގެ ކުލަބުގެ އަޙްމަދު ފަޒާލް ޕެނަލްޓީ ޖަހަން ދިއުމަށް ފަހު ރެފުރީއާ ބޭއަދަބީ ބަހުން މުއާމަލާތުކޮށްފައިވާތީ، އޭނާއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ.
ވެޓެރަންސް ލީގުގެ ކުއާޓާ ފައިނަލް ފަހު ދެ މެޗު އާދީއްތަ ދުވަހުގެ ހަވީރު ކުޅޭއިރު، މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހެވެ.