ވިޔަފާރި

ފަތުރުވެރިކަމަށް ހުޅުވާލި 2 ރަށަކަށް ބޮޑު ތަރުހީބެއް


މި ސަރުކާރުން ފަތުރުވެރިކަމަށް ހުޅުވާލި 2 ރަށަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެއީ ހއ. އަލިދުއްފަރުފިނޮޅާއި ތ. އޮޅުފުށި ( އޮޅުފުށިފިނޮޅާއި އެކު) އެވެ.

ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ވަނީ 13 ރަށެއް ހުޅުވާލާފައެވެ. ޓޫރިޒަމް މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެފައި ނެތް ހިސާބުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށެވެ.

އެގޮތުން މިސަރުކާރުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުޅުވާލި ރަށްތަކާއި ފަޅުތަކުގެ ތެރެއިން 2 ރަށަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އެއީ ހއ. އަލިދުއްފަރުފިނޮޅު އަދި ތ. އޮޅުފުށި (އޮޅުފުށިފިނޮޅާއި އެކު) އެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މީގެ ތެރެއިން ހއ. އަލިދުއްފަރުފިނޮޅަށް 5 ފަރާތަކުން ބިޑް ހުށައަޅާފައިވާކަމަށެވެ. މި ރަށައް ލީޒް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެންމެ މަދުވެގެން 350،000 ޑޮލަރު ދައްކަންޖެހެއެވެ. އަދި މި ރަށަށް އެންމެ ބޮޑު ލީޒް އެކުއިޒިޝަން ކޯސްޓެއް ދައްކާފައިވާ ފަރާތުން ލީޒް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެންމެ މަދުން ދައްކަންޖެހޭ އަދަދަށްވުރެ %585.7 ދައްކާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ތ. އޮޅުފުށި (އޮޅުފުށި ފިނޮޅާއިއެކު) އަށް 3 ފަރާތަކުން ވަނީ ބިޑް ހުށައަޅާފައެވެ. މިރަށަށް ލީޒް އެކުއިޒިޝަންގެ ގޮތުގައި އެންމެ މަދުން ދައްކަންޖެހޭ އަދަދަކީ 700،000 ޑޮލަރެވެ. އެންމެ ބޮޑު ލީޒް އެކުއިޒިޝަން އަދަދެއް ދައްކާފައިވާ ފަރާތުން %114.2 މަތީ އަދަދެއް ދައްކާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކުރާ ރަށްރަށާއި ފަޅުތައް:

* ހއ. އަލިދުއްފަރުފިނޮޅު
* ހއ. މެދަފުށި
* ހދ. ކުޑަފަރުފަސްގަނޑު
* ރ.އެއްތިގިލި އަދި ރ. އަލިފުށި ފަޅުން 10 ހެކްޓަރު ހިއްކުން
* ކ.ކާށިދޫފަޅުގެ ސަރަހައްދުން ބައެއް
* ފ. ނިލަންދޫފަޅުގެ ސަރަހައްދުން ބައެއް -1
* ފ. ނިލަންދޫފަޅުގެ ސަރަހައްދުން ބައެއް – 2
* ތ. އޮޅުފުށި ( އޮޅުފުށިފިނޮޅާއި އެކު)
* ގއ ބޭރަމައުއްޑޫ
* ގއ. ފުނަދޫވިލިގިއްލާ
* ގދ. ހާދުއާ
* ގދ. ކަޅެހުއްޓާ
* ގދ. ފެރޭތަވިލިނގިލި (ކްލަސްޓަރއެއްގެ ގޮތުގައި)

ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މިހާރުގެ އަންދާޒާއަކީ މިހުރިހާ ރަށަކުން އެންމެ މަދުވެގެން 1700 އެނދު ފަތުރުވެރިކަމަށް ނެރެވޭނެ ކަމަށެވެ. އެހެންނަމަވެސް މިއަދަދު އިތުރުވުން އެކަށީގެންވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ހުޅުވާލި ރިޒޯޓްތަކުގެ ތެރެއިން ނުހެދި ހުރި ރިސޯޓުތަކުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށް މިިސަރުކާރުން އަންނަނީ އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަންވެސް ފޯރުކޮށްދެމުންނެވެ.