ޚަބަރު

އުތުރު ކޮރެޔާއިން އައު ވައްތަރެއްގެ ދުރު ރާސްތާ މިސައިލެއް ތަޖުރިބާކޮށްފި


އުތުރު ކޮރެޔާއިން އައު ވައްތަރެއްގެ ބެލިސްޓިކް މިސައިލެއް ޓެސްޓު ކޮށްފައިވާ ކަން ދެކުނު ކޮރެޔާއިން ހާމަކޮށްފިއެވެ. އުތުރު ކޮރެޔާއިން ގޮތް ނޭނގޭ މިސައިލެއް އުދުއްސައިލުމާ އެކު، ޖަޕާނުގައި އިންޒާރުގެ ރަނގަބީލު ޖަހަން ފެށިއެވެ. އަދި، އެ ޤައުމު ކުއްލި ހާލަތަކަށް ގެނެސް، ބިންގަރާސްތަކުގައި ޢާންމު ރައްޔިތުން ރައްކާތެރިކަން ހޯދިއެވެ.

ދެކުނު ކޮރެޔާއިން ބުނީ، އުތުރު ކޮރެޔާއިން ޓެސްޓު ހަދާފައިވާ މިސައިލަކީ، ދާދިފަހުން ބޭއްވި އަސްކަރީ ޕެރޭޑެއްގައި ދައްކައިލާފައިވާ މިސައިލެއް ކަމަށާއި، އެއީ "ސޮލިޑް ފިޔުލް" ބޭނުންކުރާ މިސައިލެއް ކަމަށް ބެލެވޭ ކަމުގައެވެ. މި ބާވަތުގެ މިސައިލަކީ، މެއިންޓެނެންސް ކުރަން ފަސޭހަ، ގިނަ ތައްޔާރީތަކަކާ ނުލައި ހަމަލާދިނުމަށް ބޭނުން ކުރެވޭ ބާވަތެއްގެ މިސައިލެކެވެ.

މި ބާވަތުގެ މިސައިލް އުފެއްދުން އިތުރު ކުރަން އުތުރު ކޮރެޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ސޮލިޑް ފިޔުލް ބޭނުންކުރާ ކުރު ރާސްތާގެ މިސައިލްތަކެއް އެ ޤައުމުން މީގެ ކުރިން ޓެސްޓުކޮށްފައިވެއެވެ. އަދި، މިއީ އެ ބާވަތުގެ ހަކަތަ ބޭނުންކުރާ ދުރު ރާސްތާ މިސައިލެއް އެ ޤައުމުން ޓެސްޓު ކުރި ފުރަތަމަ ފަހަރެވެ.

އުތުރު ކޮރެޔާއިން އުދުއްސައިލި މިސައިލް 6,000 ކިލޯމީޓަރާ ހަމައަށް މައްޗަށް އެރި ކަމަށާއި، 1,000 ކިލޯމީޓަރު ދުރަށް ދަތުރުކޮށްފައިވާ ކަމުގައި ދެކުނު ކޮރެޔާއިން ބުނެއެވެ. މިއީ ދުރު ރާސްތާގެ މިސައިލެއް ކަމަށް ބެލެވޭ ކަމުގައި ވެސް ދެކުނު ކޮރެޔާއިން ބުނެއެވެ.

އުތުރު ކޮރެޔާގެ މިސައިލް ޓެސްޓާ ގުޅިގެން ޖަޕާނުގެ އިތުރުން ދެކުނު ކޮރެޔާގައި ވެސް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. ދެކުނު ކޮރެޔާގެ އެންމެ ގާތް އެކުވެރިޔާ – އެމެރިކާއިން ވަނީ އުތުރު ކޮރެޔާގެ މިސައިލް ޓެސްޓު ކުށްވެރިކޮށްފައެވެ. އަދި، ޖަޕާނާއި އެމެރިކާ ގުޅިގެން ޖަޕާން ކަނޑުގެ ސަރަޙައްދުގައި އަސްކަރީ ތަމްރީނުތަކެއް ބޭއްވިއެވެ. މި ތަމްރީނުތަކުގައި ދެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްފައިވެއެވެ.