ވިޔަފާރި

މަހަށްފުރާ ދޯނިތައް މަދުނަމަވެސް، މިފްކޯއަށް މަސްކިރާ މިންވަރު މަދެއް ނޫން


މަހަށް ފުރާ ދޯނިތަކުގެ އަދަދު ރޯދަމަހު މަދުނަމަވެސް މިފްކޯއަށް މި ރޯދަމަހު މަސްކިރުވާ މިންވަރު މަދު ނޫންކަމަށް އެ ކުންފުނިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، ރޯދަމަހަކީ އާއްމުގޮތެއްގައި މަހަށް ފުރާ އުޅަނދުތައް މަދު މަހެއްކަމަށެވެ. ފައުޒީ ވިދާޅުވީ މަހަށްފުރާ އުޅަނދު މަދުނަމަވެސް މި ރޯދަމަހު މިފްކޯއަށް ކިރާ މަހުގެ އަދަދު މަދު ނޫންކަމަށެވެ. އެގޮތުން އެވްރެޖްކޮށް މިހާރު ދުވާލެއްގެ މައްޗަށް 250 ޓަނަށްވުރެ ގިނަ މަސް ކިރުވާކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި ބައެއް ދުވަސްދުވަހު 450 ޓަނާއި 350 ޓަނާއި ދެމެދުގެ އަދަދަކަށްވެސް އެ ކުންފުންޏަށް މަސް ކިރުވާކަމަށް އިސްމާއިލް ވިދާޅުވިއެވެ.

"ރޯދަމަސް ވީމަ އާންމުކޮށް މަހަށް ނިކުންނަ ދޯނިތަކަށްވުރެ ތަންކޮޅެއް މަދު. މިދިޔަ ހަފްތާގައި އެބަހުރި 450 ޓަނު. 350 ޓަނު. 300 ޓަނު. 250 ޓަނަށްވުރެ މަތިން އެބަ ލިބޭ. އެއަށްވުރެ ގިނައިން ލިބޭ ދުވަސްތަކުގައި 450 ތަނުވެސް ލިބޭ." އިސްމާއިލް ވިދާޅުވިއެވެ.

މަސްވެރިކަން ރަނގަޅުނަމަވެސް މަސްވެރިންގެ ފަރާތުން މިފްކޯއަށް އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ އެ މީހުން ބާނާ މަސްކޮޅު ނުކިރޭ ކަމުގެ ޝަކުވާއެވެ. އެކަމަށް ހައްލެއް ހޯދުމަށް މިފްކޯއިން ވަނީ މަސްކިރަން 4 ބޯޓު ގެނައުމުގެ މަސައްކަތް ފަށާފައެވެ. މީގެތެރެއިން ފުރަތަމަ ބޯޓު މިމަހުގެ 6 ވަނަ ދުވަހު ވަނީ ރާއްޖެ އައިސްފައެވެ. މި ބޯޓުން ދުވާލަކު 120 ޓަނުގެ މަސް ކިރުވޭނެއެވެ. އަދި 420 ޓަނުގެ މަސް ރައްކާކުރެވޭނެކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މަސްކިރަން ބޯޓްތައް ހޯދުމުގެ އިތުރުން، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށްވެސް މިފްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތޭގައި ފެލިވަރާއި ކުއްޑޫގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މި މަޝްރޫޢުތަކާއެކު މިފްކޯގެ މަސްކިރާ ސެންޓަރުތަކުގެ ކެޕޭސިޓީ އެތައް ގުނައެއް އުފުލިގެންދާނެއެވެ.

މި ރޯދަމަހު މަސްވެރިކަން ރަނގަޅުކަމަށް މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކާއިރު، މިދިޔަ އަހަރުގެވެސް ރޯދަމަހު ރާއްޖޭގެ މަސްވެރިކަން ރަނގަޅުކަން ފާހަގަކޮށްލެވެއެވެ.

މިފްކޯއިން ކުރަމުންދާ މަސައްކަތްތަކާއެކު މިދިޔަ އަހަރަކީ އެކުންފުނީގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް މަސްކިރުވުމަށްފަހު މަސްވެރިންނަށް ފައިސާ ދޫކުރި އަހަރެވެ. އެގޮތުން މިދިޔަ އަހަރު މިފްކޯއިން މަސްވެރިންގެ އަތުން 63،579 މެޓްރިކް ޓަނުގެ މަސް ގަނެ، 1.03 ބިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވެއެވެ.