ޚަބަރު

މުސްލިމުންގެ އާބާދީ ދެ ބިލިއަނަށް


ދުނިޔޭގެ މުސްލިމުންގެ އާބާދީ ދެ ބިލިއަނަށް އިތުރުވެއްޖެއެވެ.

ދުނިޔޭގެ މުސްލިމުންގެ އާބާދީގެ ޢަދަދުތައް ބަލަހައްޓަމުންދާ ގުލޯބަލް މުސްލިމު ޕޮޕިއުލޭޝަނުން ބުނެފައިވަނީ ދުނިޔޭގެ އާބާދީ އަށް ބިލިއަނަށް އިތުރުވެފައިވާކަމަށާއި އޭގެ ތެރެއިން ދެ ބިލިއަން މީހުންނަކީ މުސްލިމުންކަމަށެވެ. އެއީ ދުނިޔޭގެ އާބާދީގެ %25 މިލިއަން މީހުންނެވެ. އަދި އެއީ ދުނިޔޭގެ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކެވެ.

ނަޞާރާދީނަށްފަހު ދުނިޔޭގައި އެންމެ ގިނަ މީހުން ޤަބޫލުކުރަނީ އިސްލާމުދީނެވެ. އަދި ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަނީވެސް އިސްލާމުދީނެވެ. އެ ގޮތުން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ނަޞާރަދީން ފަހަތަށް ޖައްސާލުމަށްފަހު ގާތްގަނޑަކަށް 2060ވަނަ އަހަރުގެ ކުރިން ދުނިޔޭގައި އެންމެ ގިނަ މީހުން ޤަބޫލުކުރާ ދީނަކަށް އިސްލާމުދީން ވާނެކަމަށް އަންދާޒާކޮށްފައިވެއެވެ. އެ ގޮތުން ނަޞާރާދީނުގެ މައިންބަފައިންނަށްވުރެ މުސްލިމު މައިންބަފައިން ދަރިން ހޯދައި ނިޞްބަތް 2035ވަނަ އަހަރުން ފެށިގެން އިތުރުވަމުންދާނެކަމަށް އަންދާޒާކޮށްފައިވެއެވެ. އޭގެ އިތުރުން ނަޞާރާދީން ދޫކުރާ މީހުންގެ ނިޞްބަތް ގިނަވުމަކީވެސް މުސްލިމުންގެ އާބާދީ އިތުރުވުމަށް އެހީތެރިވެދޭކަމެކެވެ.

ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ދުނިޔޭގެ ހުރިހާ ސަރަޙައްދަކަށް އިސްލާމުދީންވަނީ ވަރަށް ފުޅާކޮށް ފެތުރިފައެވެ. އެ ގޮތުން ދުނިޔޭގެ 26 ޤައުމެއްގެ ރަސްމީ ދީނަކީ އިސްލާމުދީނެވެ. އެންމެ ބޮޑަށް އިސްލާމުދީން ފެތުރިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި އޭޝިޔާއާއި އެފްރިކާގެ ޤައުމުތައް ފާހަގަކުރެވެއެވެ. އެ ގޮތުން އެންމެ ގިނަ ޢަދަދެއްގެ މުސްލިމުން ދިރިއުޅެނީ އިންޑޮނޭޝިޔާގައެވެ. އެ ޤައުމުގައި 231 މިލިއަން މުސްލިމުން ދިރިއުޅެއެވެ. އެއީ އެ ޤައުމުގެ އާބާދީގެ %87 މީހުންނެވެ. އަދި އެއީ ދުނިޔޭގެ މުސްލިމު އާބާދީގެ %13 މީހުންނެވެ. އޭގެ އިތުރުން ޕާކިސްތާނުގައި 212 މިލިއަން މުސްލިމުންނާއި އިންޑިޔާގައި 200 މިލިއަން މުސްލިމުންނާއި ބަންގުލަދޭޝުގައި 153 މިލިއަން މުސްލިމުން ދިރިއުޅޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެފްރިކާގެ ޤައުމުތަކުގެ ތެރެއިން ނައިޖީރިޔާއާއި މިޞްރުގައި 90 މިލިއަނަށްވުރެ ގިނަ މުސްލިމުން ދިރިއުޅެއެވެ. އަދި އީރާނުގައި 82 މިލިއަން އަދި ތުރުކީވިލާތުގައި 74 މިލިއަން މުސްލިމުން ދިރިއުޅެއެވެ.

އާބާދީގެ ނިޞްބަތުން އެންމެ ގިނަ މުސްލިމުން ދިރިއުޅެނީ ދިވެހިރާއްޖޭގައެވެ. އެ ގޮތުން ދިވެހިރާއްޖެއަކީ %100 މުސްލިމުން ދިރިއުޅޭ ހަމައެކަނި ޤައުމުގެ ގޮތުގައެވެ. އަދި މޮރިޓޭނިޔާއާއި ސޮމާލިޔާއާއި ތޫނީޝިޔާއާއި އަފްޣާނިސްތާނާއި އަލްޖަޒާއިރާއި އީރާނާއި ޔަމަނާއި މަޣްރިބުގެ އާބާދީގެ %99 މީހުންނަކީ މުސްލިމުންނެވެ.

އިސްލާމުދީން ބެހިފައިވާ މަޒުހަބުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ޢަމަލުކުރަނީ ސުންނީ މަޒުހަބުތަކަށެވެ. އެ ގޮތުން ދުނިޔޭގެ މުސްލިމު އާބާދީގެ %90 މީހުންނަކީ ސުންނީންނެވެ. އަދި ބާކީ %10 އެކުލެވިގެންވަނީ ޝިއީންނާއި އެ ނޫންވެސް ކުދި މަޒުހަބުތަކުގެ މައްޗަށެވެ.