ޚަބަރު

މުޒާހަރާގެ ބައިވެރިން ޓްރެފިކް ހުއްޓުވާ މައްސަލަބޮޑުވެ، ޢާންމުންގެ ނުރުހުން!


އިދިކޮޅު ޕީޕީއެމް، ޕީއެންސީން ކޮންމެ ރެޔަކު މާލޭގައި ސިލްސިލާކޮށް ކުރާ މުޒާހަރާގެ ތެރެއިން ޢާންމު ދަތުރުފަތުރަށް ހުރަސްއަޅައި، ބަސް ހުއްޓުވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ކޮންމެ ރެޔަކު އެމްޓީސީސީގެ ބަހަށް މުޒާހަރާގެ ބައިވެރިން ހުރަސްއަޅައި، ބަސް ހުއްޓުވާ މައްސަލާގައި ޢާންމުންގެ ނުރުހުން ޢަމާޒުވެފައިވާއިރު، ރޭގެ ވަގުތެއްގައިވެސް އިދިކޮޅުން ކުރަމުންދިޔަ މުޒާހަރާގައި، އެމްޓީސީސީގެ ބަސް ކުރިމައްޗަށް އަރާ ބަސް ހުއްޓުވި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އިދިކޮޅު ޕީޕީއެމް،ޕީއެންސީން ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާ ތަކުގައި ޢާންމު ދަތުރުފަތުރަށް ހުރަސްއަޅައި، ބޮޑުތަކުރުފާނު މަގުގެ ޓްރެފިކް ހުއްޓުވާ، މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާނެހެން މުޒާހަރާ ކުރާ މައްސަލާގައި، އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޢާޒިމް ވިދާޅުވީ މިއީ ޢާންމުކޮށް އިދިކޮޅުން ޢަމަލުކުރަމުންދާ ގޮތްކަމަށާއި، ޢާންމުން ވަކި ގަޑިތަކަކަށް ތަންތަނަށް ގެންދިޔުމުގައި އެމްޓީސީސީއިން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅި ދަތިތައް ކުރިމަތިވަމުންދާ ކަމަށް ޢާޒިމް ވިދާޅުވިއެވެ. އޭނާ ވަނީ އެކަމުގެ ކަންބޮޑުވުމާއެކު އެގޮތަށް ޢަމަލުނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިފަދައިން ޢާންމުންނަށް އުނދަގޫވާނެހެން ޢަމަލުކުރަމުންދާ މީހުންނާމެދު ފިޔަވަޅުއަޅައި އިސްލާޙުކުރުމަށް ޢާޒިމްވަނީ ދިވެހި ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އިދިކޮޅު މުޒާހަރާގެ ބައިވެރިން ޕީޕީއެމް އޮފީހުގެ ކުރިމަތީ ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާތަކުގައި މަގުގެ ޕޭވްމަންޓާއި މަގުގެ އެއްލޭންގައި އަބަދުވެސް ތިބޭކަން މިމައްސަލައިގައި ކޮމެންޓްކުރި ބައެއް ޢާއްމުންވަނީ ފާހަގަކޮށްފައެވެ.

ސޯޝަލް މީޑިއާގައި މީހަކު ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަނީ އިދިކޮޅު މުޒާހަރާގެ ބައިވެރިއަކު ބަހުގެ ކުރިމައްޗަށް އަރައި ބަސް ދުއްވިޔަ ނުދީ ހިފަހައްޓާ މަންޒަރެވެ. 45 ސިކުންތުންގެ އެވީޑިއޯގައި އިތުރު މީހަކުވެސް ބަހުގެ ކުރިމައްޗަށް އަރާ މަންޒަރު ފެނިގެންދެއެވެ.

އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާގެތެރެއިން ނޭދެވޭ ކަންކަން ފެނަމުންދާކަމަށް ފުލުހުންވެސް ވިދާޅުވެފައިވެއެވެ. މިގޮތުން ދާދިފަހުން އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވާފައެވެ. މިމައްސަލަ މިހާރު ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަޙުގީގުކުރަމުންނެވެ.