ކުޅިވަރު

ވެޓެރަންސް ލީގު: ނިއު ބަލިކޮށް ހުޅުމާލެ ވެޓެރަންސް ކުއާޓާއަށް


ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ރަމަޟާން މަހު ކުރިއަށްދާ "ސްޓެލްކޯ އެފްއޭއެމް ވެޓެރަންސް ލީގު 2023" ގައި ނިއު ރޭޑިއަންޓް އަތުން ހޯދި މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނު މި މެޗު ހުޅުމާލޭ ވެޓަރަންސް ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ނިއުއަށް ވަނީ އަމިއްލަ ބާރުގައި ކުއާޓާ އަށް ދިއުމުގެ ފުރުސަތު ގެއްލިފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ 15 ވަނަ މިނިޓްގައި ހުޅުމާލެ ވެޓެރަންސް އިން ލީޑޫ ނެގިއެވެ. އެ ޓީމުގެ ކެޕްޓަން، އިސްމާއިލް މުހައްމަދު (އިއްސެ) ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަޝްރަފެވެ. ނިއު އިން އެއްވަރުކުރީ މެޗުގެ 26 ވަނަ މިނިޓްގައި މުހައްމަދު ޒިޔާދު (އައްކޮ) ޖެހި ގޯލުންނެވެ.

ހުޅުމާލެ ވެެޓެރަންސް އަށް ލީޑުނަގައިދިން ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ ވަނަ މިނިޓްގައި ހުސެއިން ޝިމާޒް (ކޮކީ) އެވެ. އަދި އެ ޓީމުގެލީޑުފުޅާކޮށްދިނީ އަހުމަދު ގިތުރީސް (ގިތޫ) އެވެ. އަދި މެޗުގައި ހުޅުމާލެ ވެޓެރަންސްގެ ފަހު ގޯލު ޖެހީ ޓީމުގެ ކެޕްޓަން އިއްސެ އެވެ.

ހުޅުމާލޭ ވެޓަރަންސް ކުއާޓާއިން ޖާގަ ހޯދާފައިވަނީ ވެޓެރަންސް ލީގުގެ ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. މި ވަގުތު ދެ ވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނިއު އަށް ވެސް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ސްޓެލްކޯ ކްލަބްގެ އޮތީ ޕޮއިންޓެވެ.

މުބާރާތުގެ ކުއާޓާފައިނަލަށް ދިއުމުގެ ފުރުސަތު ނިއު ރޭޑިއަންޓަށް އަދިވެސް އެބައޮތެވެ. އެއީ ބުރާސްފަތި ދުވަހު މި ގްރޫޕްގެ ފަހު މެޗުގައި ސްޓެލްކޯ އާއި ސިފައިން ކުޅޭ މެޗުން ނަތީޖާ ނުކުންނަ ގޮތަކުންނެވެ.