ދުނިޔެ

އިންޑިޔާގެ މާއޮއިސްޓް ޖަމާޢަތުގެ 23 މީހަކު އަމާން ދީފި


އިންޑިޔާގެ ހަތިޔާރުއެޅި ޖަމާއަތެއްކަމަށްވާ މާއޮއިސްޓް ޖަމާއަތުގެ 23 މީހުން އެޤައުމުގެ ސްޓޭޓެއްކަމަށްވާ ޗަޓިސްގާހްގެ ފުލުހުންނަށް އަމާންދީފިއެވެ. 

ޗަޓިސްގާހްގެ ސަރަޙައްދީ މަސްއޫލުވެރިއެއް ކަމަށްވާ އަމީތު ކަޓާރިޔާ ވިދާޅުވީ އަމާންދިން މާއޮއިސްޓް ހަނގުރާމަވެރިންގެ ތެރޭގައި އަންހެނުންވެސް ހިމެނޭކަމަށެވެ. އަމާންދިން ހަނގުރާމަވެރިން އަލުން އަނބުރައި މުޖްތަމައަށް ގެނައުމަށްޓަކައި އެމީހުންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގާނެ ކަމަށް އަމީތު ވިދާޅުވިއެވެ.

މާއޮއިސްޓުން މަސައްކަތް ކުރަނީ އިންޑިޔާގައި ނިކަމެތިކޮށްލެވި އަދި ހައްގުތައް ނިގުޅައިގަނެފައިވާ މީހުންގެ ހައްގުގައި ކަމަށް އެޖަމާޢަތުގެ ލީޑަރުން ބުނެއެވެ. ނަމަވެސް މާއޮއިސްޓް ޖަމާޢަތަކީ އިންޑިޔާގެ ދައުލަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށް އެޤައުމުގެ ސަރުކާރުން ސިފަކޮށްފައިވެއެވެ. އިންޑިޔާގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ގެރިއްލާ ހަނގުރާމައެއް ކުރަމުން ގެންދާ މި ޖަމާޢަތުގެ ހަނގުރާމަވެރިން އެންމެ ބޮޑަށް ހަރަކާތްތެރިވަނީ އެޤައުމުގެ މެދުތެރޭ ސްޓޭޓްތަކުގެ ޖަންގަލިތަކުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.