އިހާ އެކެޑަމީ އާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ ރަމަޟާން ޓީޓީ ޗެލެންޖް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ތިން ދުވަހަށް ކުރިޔަށްގެންދިޔަ މުބާރާތް ކުރިޔަށްދިޔައީ 10 އަހަރުންދަށް އަދި 13 އަހަރުންދަށަށް ހުޅުވާލައިގެންނެވެ. މުބާރާތުގ 10 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ ސާރާ މޫސާއެވެ. އެ އުމުރުފުރާގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ޔޫސުފް ލާވީ އަހުމަދެވެ.
މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ އައިޝަތު އަލްސާ ނާފިޒެވެ. މި އުމުރުފުރާގެ ފިރިހެން ޗެމްޕިއަންކަން ހޯދީ މުހަންމަދު ހަލަފް ރާފިއުއެވެ. މުބާރާތް ނިންމާލުމުގެ ކުރިން އެސޯސިއޭޝަންގެ ހޮވާލެވުނު ވައިޑީޕީގެ ޓީމާއި އިހާ އެކަޑަމީގެ ޓީމާ މެދު ވަނީ މެޗެއް ކުޅެފައެވެ. މި ބައިގެ އަންހެން ޗެމްޕިއަންކަން ހޯދީ ވައިޑީޕީގެ ޓީމެވެ. އަދި ފިރިހެން ޗެމްޕިއަން ކަން ހޯދީ އިހާ އެކަޑަމީގެ ޓީމެވެ.
މިއީ ވައިޑީޕީގައި ހިމެނޭ ކުދިން ހިމަނައިގެން މާލެ ސަރަހައްދުގައި ޓީޓީ ކުޅޭ ޖޫނިޔަރ ކުޅުންތެރިންނަށް ހާއްސަކޮއްގެން ކުރިޔަށްދިޔަ މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގައި 50 ކުޅުންތެރިން ވަނީ ބައިވެރިވިއެވެ. މުބާރާތާ ގުޅޭގޮތުން އިހާ އެކަޑަމީގެ ކޯޗު އިބްރާހީމް ލަތީފު ބުނީ މިއަހަރުގެ މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ.
މި މުބާރާތުގައި އެ އެކަޑަމީގެ 20 ކުޅުންތެރިޔެއްގެ އިތުރުން އަމިއްލަ ކޯޗުން ތަމްރީންދޭ ބަޔެއް ކުޅުންތެރިން ބައިވެރިވެފައެވެ.