ކުޅިވަރު

ޗެލްސީގެ އެއްބަސްވުން ޗިލްވެލް އާކޮށްފި


ޗެލްސީއާއެކު އިންގްލަންޑުގެ ޑިފެންޑަރު ބެން ޗިލްވެލް ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

މިގޮތުން ޗިލްވެލް ވަނީ 2027 ވަނަ އަހަރުގެ ނިޔަލަށް އެކްލަބްގައި މަޑުކުރަން ނިންމާފައެވެ. 2020 ވަނަ އަހަރު ލެސްޓަރ ސިޓީއިން 45 މިލިއަން ޕައުންޑްގެ އަގަކަށް ޗެލްސީއަށް ބަދަލުވި އުމުރުން 26 އަހަރުގެ މިކުޅުންތެރިޔާވަނީ މިހާތަނަށް 80 މެޗް އެކްލަބަށް ކުޅެދީފައެވެ.

ޗިލްވެލް ހާމަކުރިގޮތުގައި އޭނާ ޗެލްސީގައި މިހާރު ވަރަށް ރަނގަޅަށް ހަމަޖެހިއްޖެ ކަމަށާއި އަދި ދަނޑުމަތީގައި ޗެލްސީއަށް ކުޅޭއިރު ހިތްހަމަ ޖެހިގެން ހުރެ ކުޅެވޭކަމަށެވެ. އަދި ޗެލްސީއިން އޭނާ އެކްލަބްގައ ިގިނަ ދުވަހު ބަހައްޓަން ބޭނުންވާތީ ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ކޮންޓްރެކްޓް އާކުރެވުމުން އުފާވާކަމަށެވެ.

ޗިލްވެލް ހާމަކުރިގޮތުގައި ޓީމް ހަމައަކަށް އެޅުވުމަށްޓަކައި ކްލަބްގެ ހުރިހާ ފަރާތްތަކަކުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށާއި އަދި މިގޮތުން އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް މިކަން ހާސިލްކޮށް ސްޕޯޓަރުންގެ މޫނުމައްޗަށް ހިނިތުންވުން އަލުން ގެނައުމަށް ކުރާނެކަމަށްވެސް ޗިލްވެލް ހާމަކުރިއެވެ.

ޗިލްވެލްވަނީ އިންގްލަންޑް ޓީމަށްވެސް 18 މެޗް ކުޅެދީފައެވެ. އަދި މިސީޒަންގައި ޗެލްސީއަށްވަނީ 25 މެޗް ކުޅެދީ 2 ލަނޑު ކާމިޔާބު ކޮށްދީފައެވެ.