ޚަބަރު

ގުޅިފައިވާ އިސްލާމީ ލަޝްކަރުން މިލިޓަރީ ޑްރިލްއެއް ފަށައިފި


ނޯތް ތަންޑަރގެ ނަމުން ނަންދެވިފައިވާ އިސްލާމީ ޤައުމުތަކުގެ ގުޅިފައިވާ ލަޝްކަރުގެ މިލިޓަރީ ޑްރިލް އިއްޔެ ސަޢޫދީ ޢަރަބިއްޔާގައި ފަށައިފިއެވެ.

ޓެރަރިޒަމާ ދެކޮޅަށް އިސްލާމީ ޤައުމަތަކުން އުފެއްދި ގުޅިފައިވާ ލަޝްކަރުގައި ޔުނައިޑަޓް އަރަބް އެމިރޭޓްސް، ޖޯޑަން، ބަހްރެއިން، ސެނެގަލް، ސޫދާން، ކުވައިތު، ދިވެހިރާއްޖެ، މޮރޯކޯ، ޕާކިސްތާން، ޗަޑް، ތުރުކީ، ތޫނިސް، ކޮމޯރޮސް، ޖިބޫޓީ، އޮމާން، ޤަތަރު، މެލޭޝިއާ، މިޞްރު އަދި މޮރިޓޭނިއާ ބައިވެރިވާ ކަމަށް ސަޢޫދީ ޕްރެސް އެޖެންސީއިން މައުލޫމާތު ދެއެވެ. އަދި މިއީ މިފަދަ އެންމެ ބޮޑު އެއް ލަޝްކަރު ކަމަށްވެސް އެއެޖެންސީއިން ބުނެއެވެ.

މި ޑްރިލްގެ ޒަރިއްޔާއިން އިސްލާމީ ޤައުމުތަކުގެ ގުޅިފައިވާ ލަޝްކަރުގެ ބައިވެރިންނަށް ޓެރަރިސްޓް ގްރޫޕްތަކަށް ރައްދުދީ، އެމީހުންގެ ހަރަކާތްތައް ހުއްޓުވާނޭ އަސްކަރީ އުކުޅުތައް ބުނެދިނުމަށް ހަމަޖެހިފައިވެއެވެ.

ޓެރަރިޒަމާ ދެކޮޅަށް އިސްލާމީ ޤައުމަތަކުން އުފެއްދި ގުޅިފައިވާ ލަޝްކަރުގައި ދިވެހި ރާއްޖެއިން 3 ގޮތަކަށް ބައިވެރިވުމަށް ނިންމަވާނޭކަމަށް މިމަހުގެ ކުރީ ކޮޅު ޑިފެންސް މިނިސްޓްރީއިންވަނީ ހާމަކުރައްވާފައެވެ. މި ގޮތުން ރާއްޖެއަށް ލިބޭ އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާކުރުމާއި ދިވެހި ސިފައިން ޢަމަލީ ގޮތުން ބައިވެރިވުންވެސް ހިމެނިފައިވެއެވެ. ޓެރަރިޒަމާ ދެކޮޅަށް އުފެއްދި މި ލަޝްކަރުގެ ކަންތައް ބަލަހައްޓާ ވިލަރެސްކުރާ ކޮމާންޑަރެއްގެ ރޯލް އަދާކުރާނީ ސަޢޫދީ އަރަބިއްޔާއިންނެވެ. ލަޝްކަރުގެ ކޮމާންޑް ސެންޓަރ ހުންނާނީ ސަޢޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒްގައެވެ.