ކުޅިވަރު

އޮފީސް ޓޭޕްބޯލް: ކަސްޓަމްސް ބަލިކޮށް ޗެމްޕިއަންކަން ޕޮލިހަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޕޮލިހުން ހޯދީ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު އަތުން 31 ލަނޑުން މޮޅުވެގެންނެވެ.

މި މެޗުގެ ގުރު ދިމާވުމުން ކަސްޓަމްސް ނިންމީ ހޮވުމަށެވެ. އެއާއެކު ޕޮލިސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 124 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 35 ލަނޑު ހެދި ކަސުން އާއި 10 ބޯޅައިން 32 ލަނޑު އެއްކުރި އޮލިއުލް އިސްލާމެވެ.

ޖަވާބުގައި ކަސްޓަމްސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 93 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 17 ބޯޅައިން 33 ލަނޑު އެއްކުރި މުޙައްމަދު އާމިރެވެ.

މި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިން ވިކެޓް ނެގި ކުޅުންތެރިއަކަށް ހޮވުނީ 653 ޕޮއިންޓާއެކު މީރާގެ ކަމުރުލްއެވެ. އަދި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިއަކަށް ހޮވުނީ 115 ލަނޑު ހެދި ކަސްޓަމްސްގެ މުޙައްމަދު އާމިރެވެ.

މި ފަހަރުގެ ކްރިކެޓް ކާނިވަލުގެ ފުރަތަމަ ދެ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލް އާއި އޮފީސް ޓޭޕްބޯލުގެ ކުޅުން ނިމިފައިވާއިރު، ކްރިކެޓް ކާނިވަލުގައި ދެން ފެށުމަށް ހަމަޖެހިފައިވަނީ ކުންފުނިތަކަށް ހުޅުވާލައިގެން ކުޅެވޭ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ.