ޚަބަރު

ކުންފުންޏާއި ގުޅޭގޮތުން ފަތުރާފައިވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް: ސަން ސިޔާމް


ރާއްޖޭގެ އޮންލައިން ނޫހެއްގައި އާއްމުކޮށްފައިވާ ހަގީޤަތާއި ހިލާފު ވާހަކަތަކެއްގެ ސަބަބުން ފޫނުބެއްދޭވަރުގެ ގެއްލުމެއް ވިޔަފާރިއަށް ލިބިފައިވާކަމަށް ސަން ކުންފުނީގެ ވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވީ ސަން ކުންފުނިން، ހިލްޓަންއަށް ދޭންޖެހޭ ފައިސާތަކެއް ދިނުން މަޑު ޖައްސާލަން ހައިކޯޓުން ކުރި އަމުރާއި ގުޅިގެން ސަން ކުންފުންނާއި، އެމަނިކުފާނާއި ގުޅޭގޮތުން ނޫހެއްގައި ޝާއިޢުކުރި ލިޔުމަކާއި ގުޅިގެން ނެެރުއްވި ބަޔާނުގައެވެ.

ސަން ސިޔާމް ނެރުއްވި ބަޔާނުގައި ވިދާޅުވީ މިމަހުގެ 6 ވަނަ ދުވަހު ރާއްޖޭގެ އޮންލައިން ނޫހެއްގައި ސަން ކުންފުންޏާއި ހިލްޓަންގެ މައްސަލައާ ގުޅޭގޮތުން ޝާއިޢުކޮށްފައިވާ ލިޔުމުގައި ސައްހަ މައުލޫމާތު ގެނެސްދިނުމުގެ ބަދަލުގައި މަސައްކަތްކޮށްފައިވަނީ ސަން ގްރޫޕްގެ ކުންފުނިތަކާއި އޭނާގެ ނަން ހުތުރުކޮށް، ގެއްލުންދިނުމަށްކަމަށެވެ. އަދި އެ ލިޔުމުގައި ހަގީގަތެއް ނެތް އެތައް ވާހަކަތަކެއް ގެނައުމުގެ އިތުރުން، ސިޔާމްގެ ސިޔާސީ ވިސްނުމާއި ފިކުރަށް ހަމަލާދީފައިވާކަމަށްވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.

މި ބަޔާނުގައި ސިޔާމް ވިދާޅުވީ ހިލްޓަން ކުންފުންޏަކީ އިރުފުށްޓަށް އިންވެސްޓްކުރި ފަރާތްކަމަށް ނޫހުގައި އޮތް ލިޔުމުގައި ދައްކަން އުޅުނުނަމަވެސް، ހިލްޓަންއަކީ އިންވެސްޓްކުރި ކުންފުނި ނޫންކަމަށާއި، އިންވެސްޓްކުރީ ސަން ކުންުފުނިންކަމަށެވެ. އަދި ހިލްޓަންއަކީ އެ ރަށް މެނޭޖްކުރަން ހަވާލުކޮށްފައި އޮތް ކުންފުންޏެއްކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ސަން ކުންފުނިން ކޯޓަށް ނުފޫޒު ފޯރުވާކަމަށް ބުނެފައިވާއިރު، އެއީ ކޮން ނުފޫޒެއްކަން ބުނެދީފައިނުވާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ކޯޓު ނިންމުމުގައި ސިޔާސީ ނުފޫޒު އޮތްކަމަށް ބުނުމަކީ ޝަރުޢީ ނިޒާމްގެ އިތުބާރު ގެއްލުވާލާ، ކޯޓުތަކުގެ ހުރުމަތް ކެނޑޭގޮތަށް ކޮށްފައިވާ އަމަލެއްކަމަށްވެސް ސިޔާމް ތުހުމަތުކުރެއްވިއެވެ.

ސިޔާމްގެ ބަޔާނުގައި ވިދާޅުވީ ނޫހުގައި އޮތް ލިޔުމަކީ ނޫސްވެރިކަމުގެ ނަމުގައި ސަން ކުންފުންޏާއި އޭނާގެ އަބުރަށާއި ވިޔަފާރިއަށް ގެއްލުން ދިނުމުގެ ގޮތުން ބަޔަކު އަޑީގައި ތިބެގެން ލިޔެފައިވާ ލިޔުމެއްކަމަށެވެ. އަދި އެ ލިޔުނުކަމަށް ބުނާ ނޫސްވެރިޔާއަށް އިންޒާރުދިންކަމަށް ބުނާ ވާހަކަތައްވެސް ސިޔާމްގެ ބަޔާނުގައި ވަނީ ދޮގުކޮށްފައެވެ. ސިޔާމް ވިދާޅުވީ އެފަދަ އެއްވެސް އިންޒާރެއް ނޫހަށްވެސް، ލިޔުންތެރިޔާއަށްވެސް ދީފައިނުވާނެކަމަށެވެ.

މި ބަޔާނުގައި ސިޔާމް ވަނީ މިނިވަން ނޫސްވެރިކަމުގެ އިންތަކުގެ ތެރޭގައި ފަރުދުންގެ އަބުރަށް ހުުތުރުނުވާގޮތަށް އިންސާފުވެރިކަމާއެކު ނޫހުގައި ހަބަރާއި ރިޕޯޓްތައް ޝާއިޢުކުރުމަށް އިލްތިމާސްކުރައްވާފައެވެ.