އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގައި ކޮލްކަޓާ ނައިޓް ރައިޑާސް އަތުން އެންމެ ފަހުގެ ޗެމްޕިއަން ގުޖަރާތު ޓައިޓަންސް ބަލިވެއްޖެއެވެ.
މިމެޗް ނައިޓް ރައިޑަރސް ކާމިޔާބުކޮށްފައިވަނީ ތިން ވިކެޓުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނައިޓް ރައިޑަރސްގެ ތަރިއަކަށް ވެގެންދިޔައީ ރިންކޫ ސިންގއެވެ. މިމެޗުން ނައިޓް ރައިޑަރސް މޮޅުވީ ފަހު އޯވަރުގެ ފަހު ފަސް ބޯޅަ ރިންކޫ ހަޔަކަށް ޖެހުމުގެ ސަބަބުންނެވެ. މިމެޗްގައި އެންމެ ފުރަތަމަ ކުޅެން އަރާ ޓައިޓަންސްއިން ވަނީ 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 204 ލަނޑު ހަދާފައެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 63 ލަނޑު ހަދާދިން ވިޖޭ ޝަންކަރުއެވެ. މިއީނިންގްސްގައި ނައިތް ރައިޑަރސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 33 ލަނޑަށް ތިން ވިކެޓް ނަގާދިން ސުނިލް ނަރީންއެވެ.
ޖަވާބުގައި ނައިޓް ރައިޑަރސްއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 207 ލަނޑު ހަދާ މެޗް ކާމިޔާބުކުރިއެވެ. ނައިޓް ރައިޑަރސްގެ ވެންކަޓޭޝް އިޔަރު ކުޅެން އަރާ 40 ބޯޅައިން 83 ލަނޑު ހެދުމާއެކު މިމެޗުން ނައީޓް ރައިޑަރސް މޮޅުވެދާނެކަމަށް ހީވެގެން ދިޔައެވެ. މިގޮތުން އިޔަރު ނުބައިވިއިރު ނައިޓް ރައިޑަރސް އޮތީ 4 ކުޅުންތެރިން ނުބައިވެގެން 154 ލަނޑު ހަދާފައެވެ.
ނަމަވެސް ހަތަރު ވިކެޓް އެންމެ ލަނޑަކަށް ނުބައިވުމާއެކު މުޅި މެޗް ޓައިޓަންސް ކޮޅަށް އެނބުރި އެޓީމް މިމެޗުން މޮޅުވާނެކަމަށް ވަރަށް ބޮޑަށް ނަގީން ވެގެންދިޔައެވެ. މިގޮތުން ފަހު 9 ބޯޅައަށް ވީއިރު މޮޅުވާން 39 ލަނޑު ހަދަން އޮތެވެ. މިގޮތުން 19 ވަނަ އޯވަރުގެ ފަހު ދެބޯޅައިން ރިންކޫ 10 ލަނޑު ހެދިއިރު ފަހު އޯވަރުގެ ފުރަތަމަ ބޯޅައިން އުމޭޝް ޔާދަވް އެއް ލަނޑު ހެދުމަށްފަހު ރިންކޫއަށް ބެޓް ކުރުމުގެ ފުރުސަތު ދިނުން ވެގެންދިޔައީ މިމެޗްގައި ނައިޓް ރައިޑަރސްއަށް ނަސީބު އަތުގައި ހިފި ހިފުމަކަށެވެ. މިގޮތުން ޔަޝް ޑަޔާލްގެ މިއޯވަރުގެ ފަހު ފަސް ބޯޅަވެސް ރިންކޫވަނީ ހަޔަކަށް ޖަހާ މިމެޗުން ނައިޓް ރައިޑަރސް މޮޅުކޮށްދީފައެވެ. ރިންކޫގެ މިކުޅުމާއެކު މިމެޗްގެ 17 ވަނަ އޯވަރުގައި ވިކެޓްގެ ހެޓްރިކް ހެދި ރާޝިދު ހާންގެ އުކުމަށްވެސް ހިޔަނި އެޅިގެންދިޔައެވެ.
މިކާމިޔާބީއާއެކު ކޮލްކަޓާ ނައިޓް ރައިޑަރސްވަނީ ކުޅުނު ތިން މެޗުން ދެމެޗް ކާމިޔާބުކޮށް ލިބިފައިވާ ހަތަރު ޕޮއިންޓާ އަދި ރަން ރޭޓަށް ބަލާ ތާވަލްގެ ދެވަނައަށް އަރާފައެވެ. އަދި އެންމެފަހުގެ ޗެމްޕިއަން ގުޖަރާތު ޓައިޓަންސް އުޅެނީ 4 ޕޮއިންޓް ލިބުނު ނަމަވެސް ރަން ރޭޓަށް ބަލާ ތާވަލްގެ ހަތަރު ވަނައިގައެވެ.