ސޫރިޔާއިން ޔަހޫދީ އިސްރާޢީލަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގެ ފަހަތުގައި ވަނީ ކޮން ބަޔެއް ކަން ސާފެއް ނޫނެވެ. ނަމަވެސް، ރޮކެޓް ހަމަލާތައް ދީފައި މި ވަނީ، ޔަހޫދީ ޓެރެރިސްޓު ފުލުހުން ފަލަސްޠީނުގެ ޤުދުޞްގައި ހުންނަ މަސްޖިދް އަލް-އަޤްޞާއަށް ވަދެ އެ ތަނުގެ ހުރުމަތް ކެނޑުމާ ގުޅިގެން، ފަލަސްޠީނުގެ މުސްލިމުންނާއި ޔަހޫދީ އިސްރާޢީލާ ދެމެދު ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ސޫރިޔާއިން ފޮނުވައިލި ރޮކެޓް ހަމަލާތައް އަރާފައި ވަނީ ގޯލާންގެ އުސްބިންތަކަށެވެ. އެއީ، 1967 ވަނަ އަހަރުގެ ހަނގުރާމައިގައި ޔަހޫދީ އިސްރާޢީލުން ފޭރިގަނެފައިވާ ސޫރިޔާގެ 1,200 އަކަކިލޯމީޓަރުގެ ބިމެކެވެ. ގޯލާންގެ އުސްބިންތަކަކީ މިހާރު ޔަހޫދީންގެ ތަނެއްގެ ގޮތުގައި އިސްރާޢީލުން ގަބޫލުކުރި ނަމަވެސް، ބައިނަލްއަޤުވާމީ މުޖުތަމަޢުން އެ ކަން ބަލައިގަނެފައެއް ނުވެއެވެ.
ގޯލާންގެ އުސްބިންތަކަށް ސޫރިޔާއިން ދީފައިވާ ރޮކެޓް ހަމަލާތަކާ ގުޅިގެން ޔަހޫދީ އިސްރާޢީލުން ވަނީ ބަދަލުހިފުމުގެ ގޮތުން ސޫރިޔާއަށް ހަމަލާތަކެއް ދީފައެވެ. ރޮކެޓް ހަމަލާތައް ދިނުމަށް ސޫރިޔާއިން މަތިންދާބޯޓެއް ބޭނުންކޮށްފައިވާ ކަމުގައި އިސްރާޢީލުން ބުނެއެވެ. އަދި، ހަމަލާތައް އަމާޒުކޮށްފައި ވަނީ ރޮކެޓް ހަމަލާތައް ދިނުމަށް ބޭނުންކޮށްފައިވާ ސަރަޙައްދަށް ކަމުގައި ވެސް އިސްރާޢީލުން ބުނެއެވެ.
ރަމަޟާން މަހާ ދިމާކޮށް ޔަހޫދީން ވަނީ ހަމަނުޖެހުން އުފައްދަން ފަށާފައެވެ. އަދި އޭޕްރިލް 5 ވަނަ ދުވަހުގެ ފަތިހު ޔަހޫދީ ޓެރެރިސްޓު ފުލުހުން ވަނީ އަލް-އަޤްޞާއަށް ގަދަބާރުން ވަދެ، ފަތިސް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް މިސްކިތަށް އަރާ ތިބި މުސްލިމުންނަށް ހަމަލާދީ، އަނިޔާކޮށްފައެވެ. އަދި، މިސްކިތުގެ ތެރޭގައި ކަރުނަ ގޭސް ޖަހައި، މުސްލިމުންނަށް ހަމަލާދިނުމަށް ރަބަރު ވަޒަން ބޭނުންކޮށް، މިސްކިތުގެ ޙުރުމަތް ކަނޑާފައެވެ. މިސްކިތުގެ ތެރެއިން 300 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖެހިގެން އައި ދުވަހު ވެސް ޔަހޫދީ ޖައްބާރު ފުލުހުން ވަނީ އަލް-އަޤްޞާއަށް ވަދެ، ހަމަނުޖެހުން އުފައްދައި، ނަމާދަށް ތިބި މުސްލިމުންނަށް ހަމަލާދީފައެވެ. ޔަހޫދީ ފުލުހުންގެ ދުއްތުރާތަކަށް ކެތް ނުކުރެވިގެން، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދުކުރާ މުޖާހިދުންގެ ޖަމާޢަތްތަކުން ވަނީ ޔަހޫދީންނާ ދެކޮޅަށް ތެދުވެފައެވެ. އަދި، އިސްރާޢީލާއަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލާތަކެއްދީ، ޔަހޫދީންގެ ޢާންމު ރައްޔިތުންނަށް ވެސް ހަމަލާދީފައެވެ.
ބަދަލުހިފުމުގެ ގޮތުން އިސްރާޢީލަށް އަމާޒުކޮށް ރޮކެޓް ހަމަލާތައް ދިނުމާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ ޣައްޒާއަށް ބޮންއަޅަން ފަށާފައެވެ. އެ ހަމަލާތައް ދީފައި ވަނީ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާޢަތުގެ އަމާޒުތަކަށެވެ. ޣައްޒާގެ އިތުރުން ލުބުނާނުގެ ބައެއް ސަރަޙައްދުތަކަށް ވެސް އިސްރާޢީލުން ބޮން އެޅިއެވެ.