އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ބާންލީން އެނބުރި އިނގިރޭސި ޕްރިމިއަރ ލީގުން ޖާގަ ހޯދައިފިއެވެ.
ޗެމްޕިއަންޝިޕްގެ ތާވަލްގެ އެއްވަނައިގާ އުޅޭ ބާންލީ ޕްރިމިއަރ ލީގަށް ޕްރޮމޯޓް ވެފައިވަނީ މިޑިލްސްބްރާ އާއި ރޭ ބައްދަލުކުރި މެޗް 2-1 އިން ކާމިޔާބުކޮށްގެންނެވެ.
މި ކާމިޔާބީއާއެކު ބާންލީ އާއި ތިންވަނައިގާއުޅޭ ލޫޓޮން އާއި ދެމެދު 19 ޕޮއިންޓްގެ ތަފާތު މިހާރުވަނީ އުފެދިފައެވެ. އަދި ލޫޓޮންއަށް ދެން ބާކީ އޮތީ ހަ މެޗް ކަމުން ބަރންލީ އާއި އަރާ ހަމަކުރުމަކީ މިހާރު ވާނެކަމެއް ނޫނެވެ. އިންގްލިޝް ޕްރިމިއަރ ލީގުން އަލުން ޖާގަލިބިފައިވާއިރު ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށްޓަކައި ބަރންލީއަށް ސީޒަންގައި ބާކީ އޮތް ހަތް މެޗުން ބޭނުންވަނީ 11 ޕޮއިންޓެވެ.
އަދި މި ހަތް މެޗްގައި 13 ޕޮއިންޓް ހޯދައިފިކަމަށްވާނަމަ ބާންލީ ވެގެންދާނީ 2013-2014 ވަނަ ސީޒަންގައި ލެސްޓާ ސިޓީ ހޯދިފަހުން 100 ޕޮއިންޓް ހޯދާ ފުރަތަމަ ޓީމަށެވެ. އަދި ބާންލީ ވެފައިވަނީ 2004 ވަނަ އަހަރު ޗެމްޕިއަންޝިޕް ރީބްރޭންޑް ކުރިފަހުން ހަތް މެޗް ބާކީ އޮއްވާ އިނގިރޭސި ޕްރިމިއަރ ލީގަށް ޕްރޮމޯޓްވި ފުރަތަމަ ޓީމަށެވެ.
މެޗަށްފަހު ވާހަކަދައްކަމުން ބާންލީގެ ކޯޗް ވިންސެންޓް ކޮމްޕެނީ ހާމަކުރިގޮތުގައި މި އުފާފާޅުކުރުން މިސީޒަންގެ ކޮންމެވެސް ހިސާބެއްގައި އައުމަށް ބޭނުންވި ކަމަށާއި ނަމަވެސް މިހާ އަވަހަށް މިދުވަސް އަންނާނެކަމަށް އުއްމީދު ނުކުރާކަމަށެވެ. އެހެން ނަމަވެސް މިދުވަސް ކުރިން އައުމުން ލިބޭ ހިތްހަމަޖެހުން އިތުރު ވެފައިވާކަމަށްވެސް އޭނާ ބުންޏެވެ.