ކުޅިވަރު

އޮފީސް ޓޭޕްބޯލް: ރައީސް އޮފީހުން ސެމީގެ ޖާގައެއް ހޯދައިފި


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލް މުބާރާތުގެ ސެމީ ފައިނަލުން ރައީސް އޮފީސް ޖާގަ ހޯދައިފިއެވެ.

ސެމީ ފައިނަލުގެ ޖާގައެއް ގްރޫޕް އޭގައި ހިމެނޭ ރައީސް އޮފީހުން ހޯދީ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ މެޗުން ދިވެހި ސިފައިންގެ ކުލަބު އަތުން ހަ ވިކެޓުން މޮޅުވެގެންނެވެ.

މި މެޗުގެ ގުރު ދިމާވުމުން ސިފައިންގެ ކުލަބު ކުޅެން އަރައި އަށް އޯވަރު ހިމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 132 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 19 ބޯޅައިން 34 ލަނޑު ހެދި މުޙައްމަދު ޝަރީފާއި 14 ބޯޅައިން 31 ލަނޑު އެއްކުރި އިސްމާޢީލް ނާޝިދެވެ.

ޖަވާބުގައި ރައީސް އޮފީސް ކުޅެން އަރައި އަށް އޯވަރުގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން ވަނީ 140 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 35 ލަނޑު ހެއްދެވި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި 11 ބޯޅައިން 35 ލަނޑު އެއްކުރި ސަހީރެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ 17 ބޯޅައިން 16 ލަނޑު ހައްދަވާފައެވެ.

މި މޮޅާއެކު ސެމީގެ ޖާގައެއް ރައީސް އޮފީހުން ހޯދީ ގްރޫޕް އޭގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ، ހަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕުގެ ދެވަނައަށް ދިޔަ ސިފައިންގެ ކުލަބަށް ތިން ޕޮއިންޓް ލިބުނުއިރު، ފުލަށްދިޔަ އެމްއެމްއޭއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން މި މުބާރާތުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު ދެވަނަ މެޗުން ގްރޫޕް ބީގައި ހިމެނޭ ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ވަނީ ޓީމު ޚާރިޖީ އަތުން ހަ ވިކެޓުން މޮޅުވެފައެވެ.

މެޗުގެ ގުރު ދިމާވުމުން ޓީމު ޚާރިޖީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ ހެދުނީ 104 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 10 ބޯޅައިން 29 ލަނޑު ހެއްދެވި ސީބީއެމްގެ ރައީސް މުޙައްމަދު ފައިސަލެވެ.

ޖަވާބުގައި ކަސްޓަމްސް ކުޅެން އަރައި އަށްވަނަ އޯވަރުގައި ވަނީ އެންމެ ކުޅުންތެރިއެއް ނުބައިވެގެން 110 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 21 ބޯޅައިން 27 ލަނޑު ހެދި މުޙައްމަދު އާމިރާއި 16 ބޯޅައިން 22 ލަނޑު އެއްކުރި ނާއިލް އިސްމާޢީލެވެ.

މި މެޗުން ކަސްޓަމްސް މޮޅުވި ނަމަވެސް، ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފައިވަނީ މީރާއެވެ. މީރާ އާއި ކަސްޓަމްސްއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މީރާއަށް ކުރިލިބުނީ ނެޓް-ރަން-ރޭޓުންނެވެ. ގްރޫޕް ބީގެ ފުލަށްދިޔަ ޓީމު ޚާރިޖީއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި ފަހަރުގެ އޮފީސް މުބާރާތުގައި ނުވަ ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ޓީމު ސެމީއަށް ދަތުރުކުރާއިރު، ސެމީގެ ފަހު ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރުވަނަ ޓީމަކަށެވެ.

މި މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހެވެ.