ޚަބަރު

މަނަދޫގެ ގެއެއްގައި އެކަނި އުޅެމުންދިޔަ ދުވަސްވީ މީހަކު ނިޔާވެފައި އޮތްވާ ފެނިއްޖެ


ނ. މަނަދޫ ގެއެއްގެ ތެރޭގައި އެކަނި ދިރިއުޅެމުންދިޔަ އަންހެނަކު ނިޔާވެފައި އޮތްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ޢުމުރުން 62 އަހަރުގެ އެ އަންހެން މީހާގެ ޚަބަރެއް ނުވެގެން އޭނާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ އިރުއޮއްސި 18:13 ގައިކަމަށެވެ. މިރިޕޯޓާއި ގުޅިގެން ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް ކޮޓަރީގެ ދޮރު ވައްޓާލައިގެން ކޮޓަރިއަށް ވަތްއިރު އޭނާ ކޮޓަރި ތެރޭގައި ނިޔާވެފައި އޮތްވާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނ. މަނަދޫ ކައުންސިލްގެ ރައީސް ޢަބްދުއް ރަޙުމާން ސަބީހް ވިދާޅުވީ ނިޔާވެފައިވާ އަންހެން މީހާއަކީ ކައުންސިލްގެ މުވައްޒަފެއްކަމަށެވެ. އޭނާ ބުރާސްފަތި ދުވަހު މަސައްކަތަށް ނިކުމެފައިނުވާތީ އެކުގައި މަސައްކަތްކުރާ މީހުން އެގެއަށް ދިޔަކަމަށާއި އެހެންނަމަވެސް ދޮރު ނުހުޅުވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިއަދުވެސް ޚަބަރެއް ނުވާތީ އެގެއަށް ގޮސް ދޮރުގައި ޓަކި ޖެހުމުން ދޮރު ނުހުޅުވާތީ ޢާއިލާއަށް އެކަން އެންގިކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އަންހެން މީހާގެ މަރާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންތައްތަކެއް ހުރިކަމަށް ފުލުހުން އަންގާފައިވާތީ، އުޅަނދުގެ މަޢުލޫމާތު ހިއްސާނުކޮށް އެއްވެސް ފަރާތަކުން އެރަށަށް އަރައި ނުފޭބުމަށް މިހާރު ޢާއްމުކޮށް އަންގާފައިވާކަމަށެވެ. އެހެންނަމަވެސް މަރާއި ގުޅިގެން އެއްވެސް ސީރިއަސް ކަމެއް ފާހަގަކުރެވިފައިވާކަމުގެ މަޢުލޫމާތު ފުލުހުން މިހާތަނަށް ކައުންސިލްއާއި ހިއްސާކޮށްފައިވާ ނުވާކަމަށް ކައުންސިލްގެ ރައީސް ޢަބްދުއް ރަޙުމާން ސަބީހް ވިދާޅުވިއެވެ.

އެއަންހެން މީހާ ނިޔާވިއިރު އެގޭގައި ދިރިއުޅެނީ އޭނާ އެކަނިކަމަށް ކައުންސިލުން ވިދާޅުވެއެވެ. ޢާއިލާގެ އެހެން މީހުން ރަށުގައި އުޅުނުނަމަވެސް ނިޔާވި މިހާގެ 3 ކުދިން ދިރިއުޅެނީ ރަށުން ބޭރުގައިކަން ކައުންސިލުންވަނީ ފާހަގަކޮށްފައެވެ. މިޙާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލައިގެ ތަހްގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ޑިޕާޓްމަންޓްގެ ޓީމެއް މަނަދޫގައިދަނީ ހަރަކާތްތެރިވަމުންނެވެ.