ޚަބަރު

ޔަހޫދީ އިސްރާޢީލުން ޣައްޒާއާއި ލުބުނާނަށް ބޮން އަޅަނީ


ޔަހޫދީ ޓެރެރިސްޓު އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ޣައްޒާއާއި ލުބުނާނަށް ބޮން އަޅަން ފަށައިފިއެވެ. އިސްރާޢީލުން ޣައްޒާއާއި ލުބުނާނަށް ބޮންއަޅަން ފަށާފައި ވަނީ، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ މުޖާހިދުންގެ ޖަމާޢަތްތަކުން އިސްރާޢީލަށް އަމާޒުކޮށް ވަރުގަދަ ރޮކެޓު ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.
މުޖާހިދުން ޔަހުދީންނާ ދެކޮޅަށް ތެދުވެފައި ވަނީ، ޔަހޫދީ ޖައްބާރު ފުލުހުން މަސްދިޖް އަލް-އަޤްޞާއަށް އަރައި މިސްކިތަށް ގެއްލުންދީ، ނަމާދަށް ތިބި މުސްލިމުންނަށް ފުރައްސާރަކޮށް، އަނިޔާކޮށް، ގިނަ ޢަދަދެއްގެ މުސްލިމުން ހައްޔަރު ކުރުމާ ގުޅިގެންނެވެ. ފަތިސް ނަމާދު ވަގުތާ ދިމާކޮށް ދެ ދުވަހެއްގައި ޔަހުދީ ނުބައިނުލަފާ ފުލުހުންނާއި ސިފައިން ވަނީ އަލް-އަޤްޞާއަށް ގަދަބާރުން ވަދެގަނެ، މިސްކިތުގެ ހުރުމަތް ކަނޑާފައެވެ.

ޣައްޒާގެ 10 ސަރަޙައްދަކަށް ޔަހޫދީ އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ބޮން އަޅާފައިވާ ކަމަށް އިސްރާޢީލުން ބުނެއެވެ. ހަމަލާތައް އަމާޒުކޮށްފައި ވަނީ ހަމާސްގެ ހަތިޔާރު އުފައްދާ މަރުކަޒުތަކާއި، ހަތިޔާރު އެތެރެކުރާ ބިންގަރާސްތަކަށް ކަމުގައި ވެސް އެ މީހުން ބުންޏެވެ. އެއަށްފަހު، ލުބުނާނުގެ ދެކުނުގައިވާ ތިން ސަރަޙައްދަކަށް ވެސް ވައިގެ ހަމަލާތައް ދީފައިވެއެވެ. އެއީ ވެސް، ހަމާސްގެ އަމާޒުތަކެއް ކަމުގައި ބުނެއެވެ.

ލުބުނާނަށް ދީފައިވާ ހަމަލާތައް އަމާޒުކޮށްފައި ވަނީ އިޠާރު ކިޔާ ރަށަކަށް ކަމަށާއި، ހަމަލާތައް އަރާފައި ވަނީ ދަނޑުވެރިކަން ކުރާ ސަރަޙައްދަކަށް ކަމުގައި ލުބުނާނުން ބުނެއެވެ. އެއީ، ރަޝީދިއްޔާ ރެފިޔުޖީ ކޭމްޕު ހުންނަ ސަރަޙައްދެވެ. ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގައި ރިޕޯޓެއް ކޮށްފައެއް ނެތެވެ.

އެ ސަރަޙައްދުގައި ހަރަކާތްތެރިވާ މުޖާހިދުން އިސްރާޢީލަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށް ޔަހޫދީން ބުނެއެވެ. އެ ތަނުން ޔަހޫދީ އިސްރާޢީލަށް އަމާޒުކޮށް 34 ރޮކެޓް ފޮނުވައިލާފައިވާއިރު، ޔަހޫދީންގެ ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށްގެން އޭގެތެރެއިން 25 ރޮކެޓް ވަނީ ދިފާޢުކޮށްފައެވެ. މިއީ، 2006 ވަނަ އަހަރަށް ފަހު ޔަހޫދީންނާ ދެކޮޅަށް މުޖާހިދުން ދީފައިވާ މި ފަދަ އެންމެ ބޮޑު ހަމަލާއެވެ.

"ރަމަޟާން މަހާ ދިމާކޮށް އަލް-އަޤްޞާއަށް އަރައި މުސްލިމުންނަށް ފުރައްސާރަކޮށް ހަމަލާދީފައި ވަނީ ޒަޔަނިސްޓު ޔަހޫދީންގެ އިސްތިއުމާރީ ބާރުން. އެ ކަމުގެ ބަދަލުގައި ހިނގާ ކަންކަމުގެ ޒިންމާ ޒަޔަނިސްޓުން ނަގަންޖެހޭނެ،" ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ރޮކެޓް ހަމަލާތަކުގެ ފަހަތުގައި ވަނީ ހަމާސް ކަމަށް އިސްރާޢީލުން ބުނި ނަމަވެސް، މިއީ ލުބުނާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމުޢިއްޔާ – ހިޒްބުاللهއިން ހުއްދަ ދީގެން ހަމާސްއިން ދީފައިވާ ހަމަލާތަކެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ކަމާ ގުޅޭގޮތުން ހިޒްބުاللهއިން ވަކި އެއްޗެއް ހާމަކޮށްފައި ނެތް ނަމަވެސް، ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މީކާތީ ވަނީ އިސްރާޢީލުގެ ހަމަލާތައް ކުށްވެރި ކުރައްވާފައެވެ. އަދި، އެ ސަރަޙައްދުގެ ހަމަޖެހުން ނަގައިލަން ޔަހޫދީ ޒަޔަނިސްޓު އިސްރާޢީލުން މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ތުހުމަތުކުރެއްވިއެވެ. ލުބުނާނުން ޔަހޫދީ އިސްރާޢީލަށް ރޮކެޓް ހަމަލާތައް ދީފައި މި ވަނީ، އަލް-އަޤްޞާއަށް ހަމަލާދިނުމަކީ މަސްރަޙު ހޫނުވާނެ ކަމެއް ކަމަށް ބުނެ ހިޒްބުاللهގެ އިސް އޮފިޝަލެއް ކަމުގައިވާ ހާޝިމް ސަފީޢުއްދީން އިންޒާރުދީފައިވާ ދަނޑިވަޅެއްގައެވެ.

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ޔަހުދީ އިސްރާޢީލުގެ ޖައްބާރު ސިފައިންނާއި ޓެރެރިސްޓު ފުލުހުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް އެމެރިކާއިން ވަނީ ދިފާޢުކޮށްފައެވެ. އެމެރިކާއިން ބުނީ، ޒަޔަނިސްޓު ޔަހޫދީންނާ ދެކޮޅަށް ދީފައިވާ ރޮކެޓް ހަމަލާތައް ކުށްވެރި ކުރާ ކަމުގައެވެ. އަދި، ދިފާޢުގައި ތެދުވުމުގެ ހައްޤު ޔަހޫދީ ޖައްބާރު އިސްރާޢީލަށް އޮންނާނެ ކަމުގައި ވެސް އެމެރިކާއިން ބުންޏެވެ.