ސަފާ ގްރޫޕް މެދުވެރިކޮށް މި ރޯދަމަހު އުމްރާއަށް ދާން ފައިސާ ދައްކާފައިވާ ފަރާތްތައް އުމްރާއަށް ނުގެންދެވޭނެކަމަށް އެ ގްރޫޕުން ހާމަކޮށްފިއެވެ.
ސަފާ ގްރޫޕްގެ ހަވާލުގައި މި ރޯދަމަހު އުމްރާއަށް ދިއުމަށް 180 އަށްވުރެ ގިނަ މީހުން ފައިސާ ދައްކާފައިވެއެވެ. ނަމަވެސް އެ އޭގެތެރެއިން ފުރަތަމަ ގްރޫޕް އިއްޔެ ފުރަން ތައްޔާރުވެފައިވަނިކޮށް ސަފާ ގްރޫޕުން ވަނީ ވިސާ ނުލިބޭކަމަށް ބުނެ ދަތުރު ކެންސަލްކޮށްފައެވެ.
ސަފާ ގްރޫޕުން ބުނީ ވިސާ ހޯދުމަށް އެންމެފަހު ވަގުތާއި ޖެހެންދެންވެސް ކުރި މަސައްކަތް ކާމިޔާބު ނުވިކަމަށާއި އެހެންކަމުން އުމްރާ ދަތުރު ކެންސަލްކޮށްފައިވާކަމަށެވެ. އަދި އުމްރާއަށް ދިއުމަށް އެ ޖަމާއަތަށް ފައިސާ ދެއްކި މީހުންގެ ދަތުރާއި ގުޅުންހުރި މައްސަލަތައް ހައްލުކުރާނެކަމަށް އެ ގްރޫޕުން ބުނެއެވެ.
އުމްރާއަށް ދާން ފައިސާ ދެއްކި ފަރާތްތައް އުމްރާއަށް ނުގެންދެވޭނެކަމަށް ސަފާ ގްރޫޕުން ބުނެފައި މިވަނީ، ފައިސާ ދެއްކި ފަރާތްތަކަށް އުމްރާއަށް ދެވޭނެ އިންތިޒާމް ހަމަޖައްސަން އިސްލާމިކް މިނިސްޓްރީން އަންގާފައިވަނިކޮށެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ސަފާ ގްރޫޕަށް ފައިސާ ދެއްކި ފަރާތްތައް އުމްރާއަށް ނުދެވުނީ ސަޢުދީ ސަރުކާރު ނުވަތަ ދިވެހި ސަރުކާރުން ކުރަންޖެހޭ ކަމެއް ނުކޮށް އޮތުމުން ނޫންކަމަށެވެ. އަދި ޢުމްރާ ވިސާއަކީ 3 މަސްދުވަސް ކުރިން ލިބޭ އެއްޗެއްކަމަށާއި، އެ ވިސާ ރާއްޖޭގެ ހައްޖު ކޯޕަރޭޝަނުންވެސް ހަމަޖައްސައިދޭކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ. ނަމަވެސް ސަފާ ގްރޫޕަށް ފައިސާ ދެއްކި ފަރާތްތަކަށް ވިސާާ ހަމަނުޖެހި އޮތީ ސަފާ ގްރޫޕުން އެކަން ނުކޮށް އޮތުމުންކަމަށް މިިނިސްޓްރީން ވިދާޅުވެއެވެ.
އިސްލާމިކް މިިނިސްޓްރީން ވިދާޅުވީ އެކަން ހިނގިގޮތް މިހާރު ބަލަމުންދާކަމަށެވެ.
މީގެކުރިންވެސް ހައްޖަށާއި އުމްރާއަށް މީހުން ގެންގޮސްދޭ ބައެއް ގްރޫޕްތަކުގެ ފަރާތުން މިފަދަ މައްސަލަތައް ފެންމަތިވެފައެވެ. އަދި އެފަދަ ބައެއް ކަންކަމާއި ގުޅިގެން ބައެއް ގްރޫޕްތަކުގެ ވެރިންނަށް ޖިނާއީ ދައުވާކޮށް، އަދަބުވެސް ވަނީ އައިސްފައެވެ.