ޚަބަރު

އަމަން ބެލެހެއްޓުމަށް ޢިލްމީ ދިރާސީ ނަޒަރަކުން ބަލަންޖެހޭ


ރާއްޖޭގެ އަމަން އަމާންކަން ބެލެހެއްޓުމުގެ ދާއިރާގައި ހުރި ގެންޖެހުންތައް ޙައްލުކުރެއްވުމުގައި ޢިލްމީ ދިރާސީ ނަޒަރަކުން ބަލައި، ދުނިޔޭގެ އެހެން ޤައުމުތަކުން ކޮށްފައިވާ ތަޖުރިބާތަކުގެ އަލީގައި ކަންކަން ޙައްލުކުރުމުގެ އާދަ އަށަގަންނުވަންޖެހޭ ކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރ މިހެން ވިދާޅުވީ، ފުލުހުންގެ އިންސްޓިޓިއުޓް އޮފް ލޯ އެންފޯސްމަންޓް ސްޓަޑީޒް، އައިލްސްއިން ހިންގެވި ތިން ކޯހެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިން ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ހަމަޖެހިގެންދިޔައި 2004 ވަނަ އަހަރުއެވެ. އެދުވަހުން ފެށިގެން ފުލުހުންނަކީ ތަޢުލީމީ ޤާބިލް ބަޔަކަށް ހެއްދެވުމަށް ފުލުހުންގެ އިދާރާގައި އެކި ޔުނިޓުތަކުގެ ނަންނަމުގައި ތަފާތު ޕްރޮގްރާމްތަކެއް ހިންގަމުން އައިސްފައިވެއެވެ. އެގޮތުން ފުލުހުންގެ ތެރޭގައި ޒަމާނީ އަދި ރާއްޖޭގެ ކޮލިފިކޭޝަން އެތޯރީޓީއިން ޤަބޫލުކުރާ ކޯސްތަކެއް ހިންގެވުމަށް އައިލްސް އުފައްދަވައި، އެތަނަށް ކޮލެޖެއްގެ ދަރަޖަ ދެވުނީ 2013 ވަނަ އަހަރުއެވެ. މިއަދު ވަނީ އެއިންސްޓިޓިއުޓްއިން ލޯ އެންފޯސްމަންޓުގެ ދާއިރާއިން، ޑިޕޮލޮމާ، އެސޯސިއޭޓެޑް ޑިގްރީ އަދި ބެޗްލާރސް ޑިގްރީ ޙާސިލްކުރެއްވި ފަރާތްތަކަށް ސަނަދު ހަވާލުކުރެވިފައެވެ. ދަސްވެނިވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅުދައްކަވަމުން، ރާއްޖޭގެ ޤާނޫނޫ ތަންފީޒުކުރުމުގެ ދައިރާ މިހާރަށް ވުރެ ބޮޑަށް ހަރުދަނާކުރެއްވުމަށް ޢިލްމީ ދިރާސާގެ ބޭނުން ހިފަން ޖެހިވަޑައިގެންފައިވާ ކަމަށާއި އެއީ ދުނިޔޭގެ ކުރިއަރަފާއިވާ ޑިމޮކްރެޓިކް ޤައުމުތަކުންވެސް ޢަމަލުކުރަމުންދާ ގޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ޙަރަކާތްތެރި ވެވަޑައިގަންނަވާ މުއައްސަސާތަކުގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ޚިދުމަތް ދިނުމުގެ ދާއިރާކަން ފާހަގަކުރެއްވިއެވެ. އަދި އެދާއިރާތަކުގައި ހުރި މައްސަލަތާމެދު ފުންކޮށް ވިސްނެވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. މިނިސްޓަރ ވަނީ ރާއްޖޭގެ ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހިމެނޭ، ފުލުހުންނާއި، އިމިގްރޭޝަނާއި، އެއަރޕޯޓާއި، ކަރެކްޝަނަލް ސާރވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ހުރި މައްސަލަތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އައިލްސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެގްޒެގެޓިވް ޑައިރެކްޓަރ އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، އައިލްސްއިން ހިންގެވި މި ކޯސް ކުރިއަށް ގެންދަވާފައިވަނީ ޔުނިވަރސިޓީ އޮފް ވެސްޓަރން ސިޑްނީގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އަދި މި ކޯހުގައި ތަފާތު ގިނަ މޮޑިއުލްތަކަށް ކިޔަވައިދެއްވާފައިވާއިރު، އޭގެ ތެރޭގައި ހިއުމަން ރައިޓްސްއާއި، އެތިކްސްއާއި، ޕޮލިސިންގ އެންޑް ސެކިއުރިޓީއާއި، ޝަރީއާ އެންޑް ލޯ އަދި ދިވެހި ބަސް ހިމެނެއެވެ. އެސިސްޓެންޓް ކޮމިޝަނަރ އަލީ ޝުޖާއު ވިދާޅުވީ، އައިލްސްއިން ހިންގަވާ ތަމްރީނުތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އައިލްސް އިން ހިންގެވި ލޯ އެންފޯސްމަންޓްގެ ދާއިރާގެ ޑިގްރީ ކޯހުގައި 44 ދަރިވަރަކު، އެސޯސިއޭޓެޑް ޑިގްރީގައި 39 ދަރިވަރަކު އަދި ޑިޕްލޮމާގައި 46 ދަރިވަރުކު ވަނީ ދަސްވެނިވިފައެވެ. މިރަސްމިއްޔާތުގައު ފުލުހުންގެ އިސްވެރިންނާއި ޢާއިލަތަކުން ބައިވެރިވެވަޑައިގެންފައިވެއެވެ.