ސައްތައިން ސައްތަ އިސްލާމީ މިމުޖުތަމަޢުން ފެންނަ އެންމެ ހިތްދަތި އެއް މަންޒަރަކީ މައިންބަފައިން މުސްކުޅި ވީ ދުވަހު އެމީހުންނާއި އަޅާލާނެ ދަރިއަކު ނެތިގެން ޙާލުގައި ޖެހޭ މަންޒަރެވެ. ތިމާވިހޭއި އަދި ބަލާ ބޮޑު ކުރި 9 ދަރިންނަށް މުސްކުޅި މައިންބަފައިން ނުބެލިގެން އުޅޭ ވާހަކައަކީ ހައިރާންވާވަރުގެ ވާހަކައެކެވެ. ބައެއް ޙާލަތްތަކުގައި ހިތްފަޅައިގެންދާވަރުގެ ވާހަކަތައް އަޑުއިވެއެވެ. މައިންބަފައިން މުސްކުޅި ވީދުވަހު ދައުލަތުގެ ބެލުމުގެ ދަށަށް ދޫކޮށްލާ، އެމީހުންނަށް ވީ ކިހިނެތްތޯވެސް ބަލާނުލާ ކިތަންމެ ދަރިއަކު މިކުޑަކުޑަ ޤައުމުގައި އެބަތިއްބެވެ.
ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި އެއްބައި މީހުންނަށް ބޭނުންވާ ޚާއްސަ އެހީއަކީ، އެމީހުންގެ ދަރިން އެމީހުން ބަލަން ދެކޮޅު ހެދުމުން ދައުލަތުގެ ބެލުމުގެ ދަށުން ކާއެތިކޮޅެއް އަދި ނިދާނެ ތަނެއް ދޭންޖެހުމެވެ. މިވާހަކަތައް އެކި ޕްލެޓްފޯމްތަކުގައި ޖެންޑަރ މިނިސްޓްރީއިން ހާމަކުރެއެވެ.
ބައެއް ޙާލަތްތަކުގައި ވިސްނާލަން ޖެހެނީ މައިންބަފައިންނެވެ. ދަރިން ބެލުމުގައި ތިމާއަށްވެސް ކޮންމެވެސް ހިސާބެއްގައި ސަމާލުކަން ދޭންޖެހޭކަމެއްގައި އިހުމާލުވެވިއްޖެނަމަ އޭގެ ހިތި ތިމާ މުސްކުޅިވެ ގައިގެ ބާރު ނެތިގެންދާ ދުވަހު ފެނުމަކީ ދުނިޔެމަތިން ފެންނަމުންދާ ޙަގީގަތެވެ.
ދަރިންނަކީ މާތްﷲ ދެއްވާ ނިޢުމަތެކެވެ. މުޖުތަމަޢުގެ ތެރެއިން ފެންނަ އެއް ހިތި ޙަގީގަތަކީ އެއީ ނިޢުމަތެއްކަމުގައި އަދި އަމާނާތެއްކަމުގައި ބަލައިގަންނަ މީހުން މަދުކަމެވެ. ދެއްވި ފަރާތުން އެކުދިންނާއި މެދު މައިންބަފައިންނާއި ސުވާލުކުރައްވާނެކަން ވިސްނުމުގައި ބަހައްޓައިގެން ދަރިން ބަލައި ބޮޑުކުރުމުގެ ޢަޒުމް ގެންގުޅެނީ މަދު މީހެކެވެ. ނަތީޖާއެއްގެ ގޮތުން ކުއްޖާ ބޮޑުވަމުންދަނީ މާތްﷲގެ އެއްކައުވަންތަކާއި ތަޢުޙީދުގެ މަތިވެރި ކަލިމައާއި ދުރަށެވެ. މިއީ ވަރަށް ގިނަ މީހުންނަށްވެވޭ އިހުމާލެކެވެ.
ތިމާ ހެއްދެވި ތިމާގެ ވެރި ރައްބަށް އަދާކުރަންޖެހޭ ޙައްގުތައް އަދާކުރުމަށް ބާރު ނާޅާނަމަ މާދަމާ މައިންބަފައިންނާއި މެދު ތިމާމެންނާއި ސުވާލުވެވޭނެކަން އެކުދިންވެސް ނުދަންނާނެއެވެ. މައިންބަފައިންނަށް އަޅާލާ އިޙްތިރާމް ކުރާ ދަރިންނަކީ އުފައްދަން ޖެހޭ ބައެކެވެ. އެފަދައިން ޢަމަލު ކުރާ ކުދިންޖެހެނީ ތަރުބިއްޔަތު ކުރާށެވެ. އެކަން ކުރެވޭނެ މަގު އިސްލާމް ދީނުގައި އޮތީ ބަޔާންކޮށްދެއްވާފައެވެ. މާތްﷲއަށް ބިރުވެތިވާ، ދީނުގެ ޝިޢާރުތަކަށް ލޯބިކުރާ ދަރިންކަމުގައިވާނަމަ މައިންބަފައިންގެ މަޤާމު އެކުދިން ދެކޭނީ ކީރިތި ޤުރުއާނާއި ރަސޫލުﷲގެފާނުގެ ސުންނަތުގައި ބަޔާންކުރައްވާފައިވާފަދައިންނެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވައްސައްލަމްގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. އުޑުގެ އަމީން ދުޢާކުރެއްވިއެވެ. މުސްކުޅި ޙާލުގައި މައިންބަފައިންނަށް ޚިދުމަތްކުރުމުގެ ފުރުސަތު ލިބި އެމީހަކަށް ފާފަ ނުފޮހެވުނު މީހާއަށް ހަލާކު ހުއްޓެވެ. އެހިނދު ބިމުގެ އަމީން، ކީރިތި ރަސޫލުﷲގެފާނު އާމީން ވިދާޅުވިއެވެ.
މިއީ ކަމުގެ ބިރުވެރިކަން ހުރި މިންވަރެވެ. ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވެވި، އަދި އެކަލޭގެފާނުގެ މައްޗަށް އިހާނެތިކޮށް ހިތި އެންމެނަށް މާފުކޮށްދެއްވި އެންމެ އޯގާވެރި ރަސޫލުﷲގެފާނު މައިންބަފައިންނަށް އަޅާލުމުގައި އިހުމާލުވާ މީހުންނާއި ދެކޮޅަށް ދުޢާ ދެންނެވުނު ހިނދު އެދުޢާއަށް އަމީން ވިދާޅުވި ކަމެކެވެ. އެހެންކަމުން މިކަން ދަންނަ ކުއްޖަކު މައިންބަފައިންގެ ޙައްގުތައް ބޮލާލާ ނުޖަހާނެއެވެ. އެފަދަ ދަރިން މައިންބަފައިންގެ ޙައްގުތަކަށް ކޮންމެ ޙާލެއްގައިވެސް ރައްކާތެރިވާނެއެވެ.
މުޖުތަމަޢުން ފެންނަ އަނެއް ދެރަކަމަކީ، ކުދިން ކުޑައިރުވެސް އަދި ބޮޑުވަމުން އަންނައިރުވެސް ކުދިންކުރާ ކަންކަމާއި މެދު ހިތްހަމަނުޖެހިގެން މައިންބަފައިން ބުނެލާ ބަސްތަކެވެ. އެއީ ދަރިންގެ މައްޗަށް ކުރެވޭ ބަދު ދުޢާއަށްވެގެންދާއިރު އެކަމުގެ ބިރުވެރިކަން މައިންބަފައިންނަށްވެސް އިޙްސާސްނުކުރެވެއެވެ.
އަންނަ ރުޅީގައި އެފަދަ ބަހެއް ބުނެވޭ ވަގުތަކީ އެއްވެސް ހުރަހަކާއި ނުލައި މާތް ﷲގެ ދަރުބާރުގައި އެދުޢާ އިޖާބަކުރެއްވޭ ވަގުތައް ވެގެންހިނގައިދާނެއެވެ. އެހެންނަމަވެސް އޭގެ ނަތީޖާއާއި މެދު މައިންބަފައިންވެސް ފަހު ހިތާމަކުރާނެއެވެ. އެހެންކަމުން ދަރިންނަކީ ތިމާމެންނާއި ޙަވާލުވެވިފައިވާ އަމާނާތެއްގެ ގޮތުގައި ތަރުބިއްޔަތު ކުރާ ކަމުގައިވާނަމަ އެކުދިން ބޮޑެތިވެ، ތިމާމެން މުސްކުޅިވެ ގައިގެ ބާރު ދާދުވަހުން އަޅާލާނެ ބައެއްކަމުގައި ވެގެންދާނެއެވެ.
ދަރިން ހަނދާންކުރަންޖެހެއެވެ. ތިމާމެންގެ ޢުމުރުގެ ދުވަސްތައް ފާއިތުވަމުންދާފަދައިން، އަޅުގަނޑުމެންގެ މައިންބަފައިންވެސް މުސްކުޅިވެ ގައިގެ ބާރުދަނީ ދުވަހެއްދުވަހަކަށް ދަށްވަމުންނެވެ. އެހެންކަމުން އެމީހުންނާއި އެކު ހޭދަކުރުމަށް މިދުނިޔެމަތީގައި ލިބޭ މަދު ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހެއެވެ. މާދަމާ އެމީހުން ނުތިބެދާނެއެވެ. މައިންބަފައިން ދުނިޔޭގައި ތިބި ދުވަހު ހެޔޮކޮށް ކަންތައް ކުރެވުނުކަމުގެ ބުރަ އުފުލަމުންދާ އެތައް ދަރިންނެއް މިމުޖުތަމަޢުގެ ތެރޭގައިވެސް އެބަތިއްބެވެ. އެފަދަ މީހުންގެ ތެރެއިން އަޅުގަނޑުމެން ނުވުމަށް ޢަޒުމް އައުކުރާ ދުވަހަކަށް އެންމެ ހިނދުކޮޅެއްވެސް ނަގާނުލާ މިއަދު ހަދަންވީއެވެ.