ކުޅިވަރު

ވީއޭއެމް ޕްރެޒިޑެންޓް ކަޕްގެ ނޯތް ޒޯން ފަސްކޮށްފި


ވީއޭއެމް ޕްރެޒިޑެންޓްކަޕް ނޯތް ޒޯންގެ ކުޅުން ފަސްކޮށްފިއެވެ. 

ވޮލީ ބޯޅަ އެސޯސިއޭޝަނުން މަޢުލޫމާތުދެއްވި ގޮތުގައި މިމުބާރާތް ފަސްކުރަން ޖެހުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވިއިރު، ބައިވެރި ޓީމްތަކުގެ އަދަދު މަދުކަމުންނެވެ. އަންނަ މަހުގެ 1-10 އަށް ކުޅުދުއްފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިއޮތް މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރުވަރަކަށް ޓީމްކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަނުން މަޢުލުމާތުދެއްވިއެވެ. 

ވޮލީ ބޯޅަ އެސޯސިއޭޝަންގެ ނައިބް ރަޢީސް އިލްޔާސް އަހުމަދު ވިދާޅުވީ އޭޕްރީލް ހަތަރަކަށް މުބާރާތް ފަސްކުރަން ޖެހުނީވެސް މުބާރާތުގައި ބައިވެރި ޓީމްތަކުގެ އަދަދު މަދުކަމުންނެވެ. އިލްޔާސް ވިދާޅުވީ ޓީމްތައް މަދުވީ މުބާރާތާ ބެހޭ މަޢުލޫމާތު އެންމެ އެކަށީގެންވާ ގޮތުގައި ނުދެވުމުގެ ސަބަބުންކަމަށް ގަބޫލް ކުރެވޭކަމަށެވެ. ކުރިން މުބާރާތް ފެށުމުގެ ކުރިން ކޯޗިންގ ކޯސްތައްވެސް ހިންގާ މުބާރާތުގެ މަޢުލުމާތު ވަރަށް ބޮޑަށް އެސަރަހައްދުގެ ރަށްތަކަށް ދީފައިވާކަމަށެވެ. އާންމުގޮތެއްގައި އަތޮޅު ތެރޭގައި ކުރިއަށްގެންދާ މިފަދަ މުބާރާތްތަކުގައި 8 ޓީމް ނުވަތަ 9 ޓީމް ބައިވެރިވާކަމަށް އިލްޔާސް ވިދާޅުވިއެވެ. މުބާރާތް އޭޕްރީލް މަހަށް ފަސްކުރުމާ ގުޅިގެން މިފަހަރު މުބާރާތުގައި ބައިވެރިވާ ޓީމްތައް ގިނަ ވާނެކަމަށް ލަފާކުރެއްވޭކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. ވީއޭއެމް ޕްރެޒިޑެންޓްކަޕް ނޯތް ޒޯންގެ މިދިޔަ އަހަރުގެ ޗެންޕިއަން ޓީމަކީ ކުލަބް ޕޯލް ސްޓާރއެވެ. އަދި ރަނަރަޕް ޓީމަކީ ދިއްދޫ ޓީނޭޖް ބޯއީސްއެވެ. 

ވީއޭއެމް ޕްރެޒިޑެންޓްކަޕަކީ އަންހެން ޓީމްތަް ވާދަކުރާ މުބާރާތެކެވެ. މުބާރާތް ކުރިއަށްގެންދަނީ އަތޮޅު ކައުންސިލާ ގުޅިގެންނެވެ.