ޚަބަރު

ހިމަލަޔާ ފަރުބަދައިގައި ހިނގި އެވަލާންޗެއްގައި ހަތް މީހުން މަރުވެއްޖެ


ހިމަލަޔާސް ފަރުބަދައިގެ އިންޑިޔާއާ ވީ ފަޅީގައި ހިނގި އެވަލާންޗެއްގައި ނުވަތަ ފަރުބަދަމަތިން ސްނޯއާއި އައިސް ގަނޑުގަނޑަށް ފޭބުމުގެ ހާދިސާއެއްގައި ހަތް މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ޗައިނާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ހިސާބެއްގައެވެ.

އިންޑިޔާގެ ސިކިމް ސްޓޭޓާއި ޗައިނާގެ ޓިބެޓާ ގުޅޭ ސަރަޙައްދީ ރޮނގަށް ދަތުރުކުރަން އޮންނަ ނާތޫ ލާ ޕާސް ކިޔާ މަގަށް ސްނޯއާއި ގަނޑުފެން ފޭބުމުގެ ސަބަބުން، އެ މަގުގައި އެ ވަގުތު ދަތުރުކުރަމުންދިޔަ ގިނަ ޢަދަދެއްގެ އުޅަނދު ސްނޯއާއި ގަނޑުފެނުގެ ދަށުވިއެވެ. ސްނޯތަކުގެ ދަށުގައި 30 އަށްވުރެ ގިނަ ފަތުރުވެރިން އަދިވެސް ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައި އިންޑިޔާގެ ދިފާޢީ އޮފިޝަލެއް ކަމުގައިވާ ލެފްޓިނެންޓް ކާނަލް މަހެންދްރާ ރާވަތު ވިދާޅުވިއެވެ.

މި ހާދިސާގައި ހަތް މީހުން މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. އަދި، ސްނޯއާއި ގަނޑުފެންތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތް ކުރުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ބޭރު ޤައުމެއްގެ އެއްވެސް ފަތުރުވެރިއެއް ހިމެނޭ ކަމަށް ގަބޫލު ނުކުރެވޭ ކަމުގައި ވެސް ރާވަތު ވިދާޅުވިއެވެ.

ސްނޯއާއި ގަނޑުފެނުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ސިކިމް ސްޓޭޓްގެ ކާރިސާތަކާ ބެހޭ އިދާރާގެ އޮފިޝަލުންގެ އިތުރުން އިންޑިޔާގެ އަސްކަރިއްޔާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ހާދިސާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.