ކުޅިވަރު

ވޮލީ ބޯޅަ އެސޯސިއޭޝަންގެ އިންތިޚާބު މާޗް 17 ވަނަ ދުވަހު ބާއްވަނީ


ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިޚާބު އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. 

އެސޯސިއޭޝަނުން ނެރެފައިވާ އިޢުލާންގައި ބުނެފައިވާ ގޮތުން މަޤާމްތަކަޡށް ކުރިމަތި ލުމުގެ ފުރުސަތު މިއަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައެވެ. މިއިންތިޚާބުގައި ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރައީސްގެ މަޤާމާއި، ނައިބް ރަޢީސްގެ މަޤާމާއި،، ހަޒާންދާރާއި، ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޝަނަށް 3 މެމްބަރުންނާއި، ރޫލްސް ކޮމިޝަނަށް 3 މެމްބަރުންގެ އިތުރުން ބީޗް ވޮލީބޯޅަ ކޮމިޝަނަށް 6 މެމްބަރުންނެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީއަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި ޤައުމީ ކުޅިވަރު އެހެން އެސޯސިއޭޝަނެއްގެ އެކްސްކޯ މެމްބަރަކަށް ނުވުމާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތަކަށް ނުވުން ހިމެނެއެވެ. މި ދެ ޝަރުތަކީ ސްޕޯޓްސް ކައުންސިލުން ދާދީ ފަހުން ހިމަނާފައިވާ ދެ ޝަރުތެވެ. 

 ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރަޢީސްކަމަށް ކުރިމަތިލައްވާނެކަން މިހާތަނަށް އިޢުލާންކޮށްފައިވަނީ މިހާރު އެސޯސިއޭޝަންގެ ރަޢީސް މުހައްމަދު ރިޔާޒުއާއި، މިހާރު އެސޯސިއޭޝަންގެ ނައިބް ރަޢީސް އިލްޔާސް އަހުމަދުއާއި، މިދިޔަ ދެ ދައުރުގައިވެސް ރައީސްކަމަށް ވާދަކުރި މުޙައްމަދު ޝާފީއެވެ.