ސިޔާސީ

ގޮންޖެހުންތަކާއެކުވެސް މަޝްވަރާތައް ކުރިއަށް ގެންދާނެ- ސަރުކާރު


ސަރުކާރުން އިސްވެ ބާއްވަވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ގޮންޖެހުންތަކާއިއެކުވެސް ކުރިއަށް ގެންދެވުމަށް ތައްޔާރަށް އޮތްކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ބާއްވަވާ މަޝްވަރާތަކުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ، ސަރުކާރުން ވަރަށް ސާބިތުކަމާއި އިޚްލާސްތެރިކަމާއެކު މަޝްވަރާތައް، ކަނޑައެޅިފައިވާ ތާރީޚްގައި ކުރިއަށް ގެންދަވާނެކަމަށެވެ. 

މަޝްވަރާތައް ފެއްޓެވުމަށް ނިންމަވާފައި ވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ. މިނިސްޓަރ ޝައިނީ ވިދާޅުވީ، މަޝްވަރާތަކުގައި ބައިވެރި ނުވާނެކަން އެއްވެސް ޕާޓީއަކުން ސަރުކާރުގައި ރަސްމީކޮށް ދަންނަވާފައި ނުވާކަމަށެވެ. އަދި މަޝްވަރާތައް ފަށްޓަވާނީ އެއްވެސް ބަޔަކު ވަކި ކަމެއް ޝަރުތުކޮށްގެން ނޫން ކަމަށްވެސް ފިޝަރީޒް މިނިސްޓަރ ޑރ.ޝައިނީ ވިދާޅުވިއެވެ.

ސަރުކާރުން މިގޮތަށް ވިދާޅުވާއިރު، އިދިކޮޅު އެމްޑީޕީއާއި ޢަދާލަތު ޕާޓިން ބުނީ، މަޝްވަރާތަކަށް އެޕާޓީންވެސް މަރުޙަބާ ކިޔާކަމަށާއި، ނަމަވެސް ބައިވެރިވާނީ ސިޔާސީ ކުށްވެރިން ދޫކޮށްލައިގެންކަމަށެވެ.

އެހެންކަމުން ކުރީގެ ތަޖުރިބާއަށް ބެއްލެވުމަށްފަހު ސަރުކާރުގެ އިޚްލާޞްތެރިކަން ދައްކުވައިފިނަމަ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވާނެކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް ޢަލީ ޒާހިރު ވިދާޅުވިއެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ސަރުކާރުން އިސްނަންގަވައިގެން ސިޔާސީ ޕާޓީތަކާއެކު ބާއްވަވާ މަޝްވަރާތަކުގައި ބައިވެރިވުމަށް ތައްޔާރުކަމަށް ހާމަކުރައްވާފައެވެ. އަދި މަޝްވަރާކޮށްގެން ކަންކަން ޙައްލުކުރުމަށް ތާއީދު ކުރާކަމަށާއި، ސަރުކާރުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އޭނާ ވަނީ މަރުޙަބާ ވިދާޅުވެފައެވެ. މަޝްވަރާތަކުގައި މަޝްވަރާކުރުމަށް ނިންމާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ޤައުމާއި ރައްޔިތުންގެ ތަރައްޤާއާއި ޤައުމު ބިނާކުރަން ސިޔާސީ ހުރިހާ ފިކުރަކުން އެއްބާރުލުންދީ އެކުގައި މަސައްކަތް ކުރުން ހިމެނެއެވެ. އަދި ޑިމޮކްރެޓިކް ނިޒާމް އިތުރަށް ހަރުދަނާކޮށް ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގަން، ވޭތުވެދިޔަ އަހަރު ތަކުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ދުސްތޫރީ، ޤާނޫނީ، އަދި ޝަރުއީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރުން ވެސް ހިމެނެއެވެ. 

ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާތައް ބާއްވަވަން ނިންމެވީ އެއްވެސް ޕްރެޝަރެއް އޮވެގެނެއް ނޫންކަމށް ސަރުކާރުން ހާމަކުރައްވައެވެ. އަދި އެކަމަށް އދ. ވެސް ވަނީ މަރުޙަބާ ކިޔާފައެވެ. މަޝްވަރާތަކުގައި ބައިވެރިވާން ދަޢުވަތު ދެއްވާފައިވާ ޕާޓީތަކަކީ، އިދިކޮޅު އެމްޑީޕީއާއި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ، ޕީޕީއެމް, ޑީއާރުޕީ އަދި އެމްޑީއޭ އެވެ. ޕީޕީއެމުން މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުން މިހާރު ވަނީ ކަނޑައަޅުއްވާފައެއެވެ.