ސިޔާސީ

ޝެއިޚް އިމްރާން ޖަލުޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރައްވައިފި


ޓެރެރިޒަމްގެ ކުށުގައި އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން ޢަބްދުﷲގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވަވާފައިވާ 12 އަހަރުގެ ޖަލުޙުކުމް ހައިކޯޓުގައި އިސްތިއުނާފްކުރައްވައިފިއެވެ.

މޭޑޭގެ މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެރިކަމަށް ހިއްވަރުދީ ވާހަކަދެއްކެވިކަމުގެ ތުހުމަތުގެ އިމްރާން ޢަބްދުﷲ 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ މިމަހުގެ 16 ވަނަދުވަހުއެވެ. ޕީ.އެސް.އެމްއަށް މަޢުލޫމާތުދެއްވަމުން އިމްރާން ޢަބްދުﷲގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ޢަލީ ޒާހިރު ވިދާޅުވީ މި މައްސަލަ ހައިކޯޓުގައި އިސްތިޢުނާފް ކުރެއްވުމަށް ހުށައަޅުއްވައިފައިވަނީ 12 ނުކުތާއެއްގެ މައްޗަށް ބައްލަވައިގެން ކަމަށެވެ. މި ނުކުތާތަކުގެ އިތުރު ތަފްޞީލެއް އިމްރާންގެ ޤާނޫނީ ވަކީލު ހާމައެއް ނުކުރައްވައެވެ.

ޖިނާއީ މައްސަލަތައް އިސްތިޢުނާފްކުރުމަށް 10 ދުވަހުގެ މުއްދަތެއް ޤާނޫނުން ލިބިދެއެވެ.