ޚަބަރު

ޙައްޖަށް މީހުން ގެންދިޔުމަށް އަލުން ޕްރޮޕޯސަލް ހުށައަޅަން ހުޅުވާލައިފި


ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ކުންފުނިތަކަށް ޕްރޮޕޯސަލް ހުށައެޅުމަށް ކުރި އިޢުލާން ބާޠިލްކޮށް، އަލުން ޕްރޮޕޯސަލް ހުށައެޅުމަށް އިސްލާމިކް މިނިސްޓްރީއިން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިންވަނީ ރާއްޖެއިން ޙައްޖަށް މީހުންގެންދިޔުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ހުޅުވާލާފައެވެ. އެ ފުރުސަތުގައި 11 ކުންފުންޏަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެ ޕްރޮޕޯސަލްތައް ބާޠިލުކޮށް އަލުން ޕްރޮޕޯސަލް ހުށައެޅުމަށް އެކުންފުނިތަކަށް ފުރުސަތު ހުޅުވާލާފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އަލުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލީ، ކުންފުނިތަކުން ހުށައަޅާފައިވާ ބިޑުތަކުގައި ޙައްޖުގެ އަޅުކަމުގެ ޚިދުމަތަށް އެކަށީގެންނުވާ އަގުތަކެއް ހުށައަޅާފައިވުމުގެ އިތުރުން ޙައްޖަށް މީހުން ގެންދިޔުމާއި ބެހޭ އުސޫލާއި މަޢުލޫމާތު ކަރުދާހުގައި އަދި ޙައްޖު ޕްރޮޕޯސަލް ފޮތް ހުށައަޅާއިރު ފުރިހަމަކުރަންޖެހޭނެކަމަށް ބުނެފައިވާ އަސާސީ ކަންކަން ފުރިހަމަކޮށްފައި ނުވުމުގެ ސަބަބުން ވާދަވެރި ބިޑަކަށް ދިޔުމުގެ ފުރުސަތު ނެތުމުންކަމަށެވެ.


އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އަލުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފައިވަނީ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުންކަމަށެވެ. އެގޮތުން އަލުން ބިޑު ހުށައެޅޭނީ 75000 ރުފިޔާއާއި 95000 އާއި ދެމެދުގެ އަގެއްކަމުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އަލަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތާއި ގުޅިގެން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރު މިނިސްޓްރީގެ މީޓިންގ ރޫމްގައިކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއެވެ. އަލުން ބިޑު ހުށައެޅުމުގެ ސުންގަޑިއަކީ މިމަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރުކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ސަޢުދީ ސަރުކަރުންވަނީ 1000 ކޯޓާ ދީފައެވެ. މީގެތެރެއިން ދެބައިކުޅަ އެއްބައި ކޯޓާ ދިނުމަށް ހަމަޖެހިފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. އަދި ބިޑު ކާމިޔާބުކުރާ 3 ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. މީގެއިތުރުން ރާއްޖެއަށް ސައުދީ ސަރުކާރުން ދެމުން އަންނަ ރަސްމީ ކޯޓާ އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.