ޚަބަރު

ހުޅަނގު އައްސޭރީގައި އުދުވާން ހިންގައި ދެ މީހުން ޝަހީދުކޮށްލައިފި


އިސްރާޢީލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރިއަށް ޔަހޫދީ ޓެރެރިސްޓު ސިފައިން އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ފަލަސްޠީނުގެ ދެ މީހަކު ޝަހީދުކޮށްލައިފިއެވެ. ޓެރެރިޒަމާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގުމުގެ ނަމުގައި ޔަހޫދީ ޖައްބާރު ސިފައިން ފަލަސްޠީނުގެ ދެ މީހުން ޝަހީދުކޮށްލާފައި ވަނީ ހުޅަނގު އައްސޭރީގެ ނާބުލުސްގައެވެ.

އިސްރާޢީލުގެ އަސްކަރިއްޔާއިން ބުނީ ނާބުލުސްއަށް އެ ޤައުމުގެ ސިފައިން އަރާފައި ވަނީ ދެ ޓެރެރިސްޓުން ހައްޔަރު ކުރުމަށް ކަމުގައެވެ. އެ ދެ މީހުންނަކީ، އިސްރާޢީލު ސިފައިންގެ ބަޔަކަށް ބަޑިން ހަމަލާދިނުމަށް ފިލާފައިވާ ބަޔެއް ކަމުގައި ވެސް ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ. ހުޅަނގު އައްސޭރީގެ ހުވާރާގައި ހުސްވި މާރިޗު މަހު ދިން އެ ހަމަލާގައި ޔަހޫދީ ސިފައިންގެ ދެ މީހަކު ވަނީ ޒަޚަމުކޮށްލާފައެވެ.

ފާއިތުވި މަސްތަކުގެ ތެރޭގައި ޔަހޫދީ ސިފައިން ވަނީ އެތަކެއް ފަހަރެއްގެ މަތިން ނާބުލުސްއަށް އަރައި ލާއިންސާނީ އުދުވާންތައް ހިންގާފައެވެ. މި އުދުވާންތަކުގެ އަމާޒަކީ ނާބުލުސްގައި އަލަށް ހަރަކާތްތެރިވާން ފަށާފައިވާ ޖަމާޢަތެއް ކަމުގައިވާ "ދަ ލަޔަންސް ޑެންގެ" މެންބަރުންނެވެ. އެއީ، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތެކެވެ. ހުޅަނގު އައްސޭރިއަށް އަރާ ޔަހޫދީ ސިފައިންނާ ދަ ލަޔަންސް ޑެންގެ މުޖާހިދުން ދަނީ ހިތްވަރާ އެކު ކުރިމަތިލަމުންނެވެ.

އޭޕްރިލް 3 ވަނަ ދުވަހު ނާބުލުސްއަށް އެރި ޔަހޫދީ ޓެރެރިސްޓު ސިފައިންނާ ކުރިމަތިލާފައިވާނެ ކަމުގައި ދަ ލަޔަންސް ޑެންއިން ބުނެއެވެ. ބަރަކާތްތެރި ރަމަޟާން މަސް ފެށުމާ އެކު ޔަހޫދީ ޓެރެރިސްޓު ސިފައިން ހިންގާ ލާއިންސާނީ އުދުވާންތަކުގެ ޢަދަދު ކޮންމެވެސް ވަރަށް މަދުކުރިއެވެ. ނަމަވެސް، ޔަހޫދީން މި ވަނީ އެ މީހުންގެ ހަމަލާތަކާއި އުދުވާންތައް އިތުރު ކުރަން ފަށާފައެވެ. އޭޕްރިލް މަހުގެ 1 ވަނަ ދުވަހު ވެސް ޔާހޫދީ ޖައްބާރު ސިފައިން ވަނީ ފަލަސްޠީނުގެ ދެ މީހުން ޝަހީދުކޮށްލާފައެވެ.

މި އަހަރު ފެށުނު ފަހުން ޔަހޫދީ ޓެރެރިސްޓު ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު 90 އަށްވުރެ މައްޗަށް އަރައެވެ. އޭގެ ތެރޭގައި ކުށެއް ނެތް ޢާންމުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި، އަންހެނުންނާއި، ކުޑަކުދިން ވެސް ހިމެނެއެވެ. ޔަހޫދީން ހުޅަނގު އައްސޭރިއަށް ވެރިވެގަނެފައި ވަނީ 1967 ވަނަ އަހަރެވެ.