ދުނިޔެ

ސޫރިޔާ ސިފައިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފަވޭ


ސޫރިޔާ ސިފައިންނާއި ލުބްނާނުގެ ހިޒްބުﷲ ޖަމާޢަތާ ރަޝިޔާއިން ސޫރިޔާގެ ހަނގުރާމަ ހުއްޓާލަން އެއްބަސްވި އެއްބަސްވުމާ ޚިލާފަށް އެތައް ޙަމަލާތަކެއް ދީފައިވީނަމަވެސް އޮބްޒާވަރުން މިކަން ނުބަލާކަމަށް އެޤައުމުގެ އިދިކޮޅު ކޯލިޝަން އިން ބުނެފިއެވެ. އެސް.އެން.ސީގެ ނާއިބު ރައީސް ނަޣަމްއަލް ޤަދްރީ ވިދާޅުވީ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ދޭ ޙަމަލާތައް އދ. އަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ނަމަވެސް އެފަރާތުން މިކަން ބަލާފައި ނުވާކަމަށެވެ.

ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ސޫރިޔާ ސިފައިންނާއި އެމީހުންނަށް ވާގިވެރިވާ ފަރާތްތަކުން ހަމަލާތައް ދެމުން ގެންދާކަމަށް އިދިކޮޅު އެސް.އެން.ސީ ގެ ލީޑަރުން ތުހުމަތު ކުރެއްވި ނަމަވެސް މިއީ ތެދެއްކަން މުސްތަގިއްލު ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ މޭސްތިރިން ކަމަށްވާ އެމެރިކާއާއި ރަޝިޔާއިން ވަނީ މިއެއްބަސްވުން މިހާތަނަށް ތަންފީޒު ކުރަމުންދާގޮތާމެދު ހިތްހަމަޖެހޭކަން ހާމަކޮށްފައެވެ. އަދި އދ. ގެ އޮބްޒާވަރުންގެ ޖަމާއަތް ކަމަށްވާ ޔޫ.އެން ވޯކިން ގްރޫޕުންވެސް ބުނަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ރޫޅިގެންދާފަދަ ސީރިއަސް މައްސަލައެއް މިހާތަނަށް ކުރިމަތިވެފައި ނުވާކަމަށެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ކާމިޔާބުވުމުގެ ބޮޑުބައި އޮތީ ސޫރިޔާ ސަރުކާރާއި ރަޝިޔާފަދަ ސޫރިޔާ ސަރުކާރުގެ ބައިވެރިންގެ އަތްމަތީގައި ކަމަށެވެ. އޮބާމާ ދެއްވި ހަފްތާގެ ރޭޑިޔޯ ޚިތާބުގައި ވިދާޅުވީ، އެމެރިކާއާއި ރަޝިޔާ އިސްވެ އޮވެގެން ވުޖޫދަށް ގެނައި ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން، ދިގުމުއްދަތަކަށް ތަންފީޒު ކުރެވޭނެ ކަމުގެ ޔަގީންކަން ނެތްކަމަށާ ނަމަވެސް އެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ޙަމަލާތައް ހުއްޓާލާފައިވާ މި ފުރުސަތުގެ ބޭނުން ހިފައިގެން، ސޫރިޔާގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ އެޤައުމުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް އަވަސްކުރުމަށްވެސް އދ. އަށާއި ސޫރިޔާގެ ކަމާބެހޭ ފަރާތްތަކަށް އޮބާމާ އިލްތިމާސްކުރެއްވިއެވެ. އޮބާމާގެ ވާހަކާގައި ސޫރިޔާއިން އައިއެސް ޖަމާއަތް ނައްތާލެވޭނެ ހަމައެކަނި ގޮތަކީ އެޤައުމުގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުން ކަމަށް ވިދާޅުވިއެވެ. އދ. ން ސޫރިޔާއަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބު ސްޓެފަން ޑިމިސްޓޫރާ ވިދާޅުވީ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރުމަށް ހުރިހާ ފަރާތްތަކަކުންވެސް އެއްބާރުލުން ދެމުން ގެންދާކަމަށެވެ. 

"އެންމެ ފުރަތަމަ ރެއާއި އެންމެ ފުރަތަމަ ދުވަހު އިޙްސާސް ކުރެވުނު ޝުޢޫރަކީ މިކަމަށްޓަކައި ހުރިހާ ފަރާތްތައްވެސް ތިބީ ވަރަށް ސީރިޔަސް ގޮތުގައި ކަން، އަދި ޙަމަލާތައް ހުއްޓާލުމުގެ ކަންތައް ބަލައި މޮނިޓަރ ކުރުމަށް ސަމާލުކަންވެސް ދޭކަން، މޮނިޓަރުން ގެންދަނީ އެމީހުންނަށް ރިޕޯޓްކުރެވޭ ހުރިހާ ހަރަކާތްތަކެއްވެސް ބަލައި އެފަދަ ކަންތައް ކޮންޓްރޯލް ކުރުމަށްޓަކައި ރެޔާދުވާލު މަސައްކަތް ކުރަމުން."

ސޫރިޔާގެ ހަނގުރާމަ ހުއްޓާލުގެ އެއްބަސްވުން ތަންފީޒު ކުރަމުން ގެންދަނިކޮށް ހޮނިހިރު ދުވަހު ވަނީ އެޤައުމުގެ މެދުތެރޭގައިވާ ޙަމާ ޕްރޮވިންސްގައި ކާރުބޮމެއް ގޮއްވާލައި މަދުވެގެން ދެމީހުން މަރާލައި އިތުރު ބަޔަކު ޒަޚަމްކޮށްލާފައެވެ. އަމިއްލައަށް މަރުވެގެންދިން މިޙަމަލާގެ ފަހަތުގައިވާކަމުގެ ތުހުމަތު ކުރެވިފައިވަނީ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާޢަތުގެ މައްޗަށެވެ. އައިއެސް ޖަމާޢަތަކީ ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ޝާމިލްވާ ޖަމާޢަތެއްނޫނެވެ. ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ރަސްމީ ސިފައެއްގައި ތަންފީޒު ކުރަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ މެންދަމު ދިމިޝްގުގެ ގަޑިން ބާރަގަޑި ސުންމިނެޓުގައެވެ. މިއާއެކު އަންނަ މާޗް މަހުގެ 7 ވަނަ ދުވަހު ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ޖެނީވާގައި ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ.