އާރްޓީއެލް ބަހުގެ ޚިދުމަތުގައި ހުޅުމާލޭގެ 3 ރޫޓަކުން ސްކޫލް ކުދިންނަށް ޚާއްސަ ބަސް ދަތުރުތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. އެމްޓީސީސީން ބުނެފައިވަނީ މިގޮތަށް ހަމަޖައްސާފައިވަނީ ރަމަޟާން މަހުގެ ނިޔަލަށްކަމަށެވެ.
އެމްޓީސީސީން ބުނީ މިގޮތަށް ހަމަޖައްސާފައިވަނީ ރަމަޟާންމަހު ކުދިންނާ ބެލެނިވެރިން ގިނަ ވަގުތު ބަހަށް މަޑުކުރަން ނުޖެހި ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ރޫޓް-7 އަދި ރޫޓް-8ގައި ހެނދުނު 08:05 ގައި ނައްޓާލާ ބަހެއް އޮންނާނެކަމަށާއި މި ބަސް ހެނދުނު 07:50އިން ފެށިގެން، ހުޅުމާލެ ހިޔާ ފްލެޓް ސަރަޙައްދުގެ ބަސް ސްޓޮޕް 1 ގައި އޮންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މި ބަހުގައި ކޮންމެ ކުއްޖަކާއެކު 1 ބެލެނިވެރިއަކަށް ދަތުރުކުރެވޭނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން ރޫޓް 6ގައިވެސް ސްކޫލް ކުދިންނަށް ޚާއްސަ ބަސްތަކެއް އޮންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މިއީ ހުޅުމާލެ ފޭސް 2 އިން، ފޭސް 1 އަށް ދަތުރުކުރާ ބަހެކެވެ. މިބަސް ދަތުރުކުރާނީ ފޭސް 2 އިން ހުޅުމާލެ ފޭސް 1ގެ ސިންތެޓިކް ޓްރެކް ސްޓޮޕާއި، އަމީން އެވެނިއު ސްޓޮޕާ، 120ވަނަ ފްލެޓް ކައިރި ބަސް ސްޓޮޕަށް އެކަނި ކަމަށް އެމްޓީސީސީން ބުނެއެވެ.
މި ކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650އަށް ގުޅުމުން މަޢުލޫމާތު ސާފްކުރެވޭނެއެވެ.
އާރްޓީއެލް ބަހުގެ ޚިދުމަތް ދުވާލަކު 25000އަށްވުރެ ގިނަ މީހުން ހޯދައެވެ. އަދި މި ޚިދުމަތް އެންމެ ގިނައިން ހޯދާ އެއް ބަޔަކީވެސް ސްކޫލް ކުދިންނެވެ. އަދި އޮފީސްތަކާއި ސްކޫލްތައް ރަމަޟާންމަހު ނިމޭ ގަޑި އެއް ގަޑިއަކަށްވުމުން، ބަހުގެ ޚިދުމަތަށް އިތުރަށް ބާރު ބޮޑުވެގެންދެއެވެ.
އެހެންކަމުން ޚިދުމަތް ލުއިފަސޭހަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން މީގެކުރިންވެސްވަނީ ބުނެފައިވެއެވެ.