ޚަބަރު

އެމެރިކާގައި މޫސުން ގޯސްވެގެން މަރުވި މީހުންގެ ޢަދަދު 26އަށް


އެމެރިކާގެ ދެކުނާއި މެދު-ހުޅަނގުގެ ސަރަޙައްދުތަކަށް އަރާފައިވާ ތޫފާނަކާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 26 އަށް އަރައިފިއެވެ. ތޫފާނާ އެކު އެ ސަރަޙައްދުތަކަށް ބާރު ވަޔާ އެކު ބޯކޮށް ވާރޭވެހެމުންދާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ. އަދި، ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޒަޚަމުވެފައެވެ.

މި ތޫފާނާ އެކު މެދު-ދެކުނުގައިވާ އާކެންސޯ ސްޓޭޓަށް ބާރުގަދަ ނަގޫރޯޅިއެއް އަރައި މަރުވި މީހުންގެ ޢަދަދު ވަނީ ހަޔަކަށް އަރާފައެވެ. ނަގޫރޯޅިއާ އެކު އާކެންސޯ ސްޓޭޓްގެ ވެރިރަށް ލިޓްލް ރޮކްގެ އިތުރުން ވައިންއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނަގޫރޯޅީގެ ސަބަބުން ގެއްލުންވެ، ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދައި ސަލާމަތް ކުރުމަށް އޮފިޝަލުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ނަގޫރޯޅިއާ އެކު އާކެންސޯގެ ގިނަ ޢަދަދެއްގެ ޢިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު، ބައެއް ޢިމާރާތްތަކުގެ ފާރުތައް ވަނީ ވެއްޓިފައެވެ. އަދި، ބައެއް ޢިމާރާތްތަކުގެ ފުރާޅު އެއްލައިލާފައިވާއިރު، ވެއްޓިފައިވާ ޢިމާރާތްތައް ވެސް ގިނައެވެ. މީގެ އިތުރުން އެއްގަމު އުޅަނދުފަހަރު ފުރޮޅައިލާ، ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ހޮޅިދަނޑިތައް ވަނީ ވެއްޓިފައެވެ.

އެމެރިކާއަށް އަރާފައިވާ ތޫފާނުގެ އަސަރު އިލިނޯއީއާއި އެލެބާމާއާއި އިންޑިޔާނާގެ އިތުރުން ޓެނެސީއާއި މިސިސިޕީއަށް ވެސް ވަނީ ކޮށްފައެވެ. އިލިނޯއީއިން ހަތަރު މީހުން މަރުވެފައިވާއިރު، އިންޑިޔާނާއިން ވެސް ވަނީ ތިން މީހުން މަރުވެފައެވެ. އިލިނޯއީގައި ހަތަރު މީހުން މަރުވީ ޢިމާރާތެއް ވެއްޓުމުގެ ސަބަބުންނެވެ. އަދި، މިސިސިޕީގެ މެކްނެއިރީ ކައުންޓީން ހަތް މީހުން ވަނީ މަރުވެފައެވެ. އެލެބާމާގައި 90 އަހަރުގެ އަންހެނެއް މަރުވެފައިވާ ކަމުގައި އެ ސްޓޭޓުން ބުނެއެވެ.

އިލިނޯއީގެ ބެލްވިޑިޔަރގައި ހުންނަ އެޕޯލޯ ތިއޭޓަރުގެ ފުރާޅު ވެއްޓުނު ހާދިސާގައި އުމުރުން 50 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. އެ ހާދިސާ ހިނގި ވަގުތު ތިޔޭޓަރުގެ ތެރޭގައި މިޔުޒިކް ޝޯއެއް ބެލުމަށް 260 އަށްވުރެ ގިނަ މީހުން ޖަމާވެފައި ތިއްބެވެ. އެ ތަނުގެ ފުރާޅު ވެއްޓުނު ހާދިސާގައި ގިނަ ޢަދަދެއްގެ ބަޔަކަށް އަނިޔާވިއެވެ.

އެމެރިކާގެ މޫސުމާ ބެހޭ ޤައުމީ އިދާރާ (އެން.ޑަބްލިޔު.އެސް)އިން ބުނީ އެ ޤައުމަށް އަރާފައިވާ ތޫފާން އިރުމަތީގެ ސަރަޙައްދުތަކާ ދިމާލަށް މިހާރު ދަތުރުކުރަމުންދާ ކަމުގައެވެ. އަދި، މި ތޫފާނާ ގުޅިގެން ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ހޮޅިދަނޑިތަކަށް ގެއްލުންވެ، ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެ އިދާރާއިން ބުނެއެވެ. ތޫފާނާ އެކު 60 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުންދާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.

ނަގޫރޯޅިއާއި ތޫފާނާ ގުޅިގެން އާކެންސޯއަށް ލިބިފައިވާ ގެއްލުންތަކުގެ މަޢުލޫމާތު ހޯއްދަވަން ރައީސް ޖޯ ބައިޑަން ވަނީ އެ ސްޓޭޓްގެ ގަވަރުނަރު ސޭރާ ހަކަބީ ސޭންޑަރސްގެ އިތުރުން ލިޓްލް ރޮކްއާއި ވައިންގެ މޭޔަރުންނާ ފޯނުން ގުޅުއްވައި، ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ކާރިސާތަކާ ބެހޭ އިދާރާ – ފެޑެރަލް އެމަރޖެންސީ މެނޭޖްމެންޓް އޭޖެންސީ (ފީމާ)ގެ އިސްވެރިޔާ ޑަޔާން ކްރިސްވެލްއާ ވެސް ބައިޑަން ވަނީ ބައްދަލުކުރައްވާފައެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން މިސިސިޕީގެ ރޯލިންގް ފޯކްއަށް ވެސް ބާރުގަދަ ނަގޫރޯޅިއެއް އަރާފައިވެއެވެ. އެ ހާދިސާގައި 26 މީހުން މަރުވެ، 400 އަށްވުރެ ގިނަ ޢިމާރާތަށް ވަނީ ގެއްލުން ލިބިފައެވެ.