ޚަބަރު

ދައުލަތަށް އެންމެ ފައިދާ ބޮޑުވާނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދީގެން: މައުސޫމް


ދިވެހި ދައުލަތާ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ، ރިޔާސީ ދެވަނަ ދައުރެއް މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވުންކަމަށް ވިދާޅުވެ، ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރައްވާކަން ހާމަކުރައްވައިފިއެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގައި ހުންނެވި މައުސޫމް މިކަން ހާމަކުރައްވާފައިމިވަނީ، އެމްޑީޕީއާއި ވަކިން، ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން ނިކުތުމަށް ނިންމުމާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ހުންނެވި ފޮޓޯއަކާއެކު މިނިސްޓަރ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބުމަކީ ރާއްޖެއަށާއި، ރައްޔިތުންނަށް އަދި މުޅި ދިވެހި ދައުލަތަށްވެސް އެންމެ ފައިދާބޮޑު ގޮތްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އަދި އެއްވެސް ޝަރުތަކާއި ނުލައި ތާޢީދުކޮށް، ރައީސް ޞާލިޙަށް ބައިއަތު ހިފާފައިވާކަމަށްވެސް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

އެމްޑީޕީއާއި ވަކިން ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމާއި ގުޅިގެން، ޖޭޕީގެ ސްލޮޓްގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިެއްބެވި ވަރަށް ގިނަ ބޭފުޅުން އަންނަނީ ރައީސް ޞާލިޙަށް ތާޢީދުކުރައްވާކަން ހާމަކުރައްވާ، އެމަނިކުފާނަށް ދެވަނަ ދައުރެއް ހޮދައިދެއްވުމަށް މަސައްކަތްކުރައްވާކަން ހާމަކުރައްވަމުންނެވެ. އޭގެ ތެރޭގައި އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހްގެ އިތުރުންވެސް ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ޖުމްހޫރޫީ ޕާޓިގެ ސްލޮޓްގައި މިނިސްޓަރ މައުސޫމްއާއިއެކު ތިން ވަޒީރަކު ހިމެނިވަޑައިގަންވައެވެ. އެއީ މިނިސްޓަރ މައުސޫމްގެ އިތުރުން، ޓްރާންޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއި، ފިޝަރިޒް މިނިސްތަރ ޑރ.ޙުސައިން ރަޝީދު ޙަސަނެވެ.

ރިޔާސީ އިންތިޚާބަށް ޖޭޕީން ކެނޑިޑޭޓެއް ނެރުމަށް ވަނީ ނިންމާފައެވެ. އަދި އެޕާޓީ އިސްވެ އޮވެ ކޯލިޝަން ހެދުމަށްވެސް ޕާޓީގެ ކައުންސިލުން ނިންމާފައިވެއެވެ. ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އެކަންޏެވެ.

މިއަހަރުގެ ބާއްވާ ރިޔާސީ އިންތިޚާބު އޮންނަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ.